ޕެންޝަން އޮފީހުން އިސްނަގައިގެން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް 2026 ގެ ޕާޓްނަރެއްގެ ގޮތުގައި ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ހަމަޖައްސައިފިއެވެ. "ގްރީން ފައިނޭންސް: ރާއްޖޭގައި ދެމެހެއްޓެނިވި އިންވެސްޓްމަންޓްތަކާއި މާލީ ރައްކާތެރިކަން ފަހިކޮށްދިނުން" މި ޝިއާރުގެ ދަށުން ބާއްވާ މި ފޯރަމްގައި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުންނާއި، މާލީ އިދާރާތަކާއި، އިންވެސްޓަރުންގެ އިތުރުން ރާއްޖެއާއި ބައިނަލްއަގްވާމީ ތަޖުރިބާކާރުން ބައިވެރިވެ، ދިގު މުއްދަތުގެ ދެމެހެއްޓެނިވި ރައުސްމާލު ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާކުރުމަށް ހަމަޖެހިފަވެއެވެ.
ޕެންޝަން އޮފީހާއި ޔޫއެންޑީޕީ ގުޅިގެން ކުރާ މި މަސައްކަތުގެ ތެރެއިން، ދިވެހިރާއްޖޭގެ ގްރީން ފައިނޭންސް މާކެޓް ތަރައްގީކުރުމާއި، ދެމެހެއްޓެނިވި އިންވެސްޓްމަންޓްތައް ހޯދުމާއި، ގައުމުގެ ދިގު މުއްދަތުގެ އިގްތިސާދީ އަދި މާލީ ރައްކާތެރިކަން ވަރުގަދަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ވަނީ މަގުފަހިކޮށްދީފައެވެ. މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް މެނޭޖުކޮށް އިންވެސްޓްކުރާ މާލީ މުއައްސަސާއެއްގެ ހައިސިއްޔަތުން, ހަރުދަނާ އިގްތިސާދަކާއި ފުޅާ އިންވެސްޓްމަންޓް މާކެޓެއް ތަރައްގީކުރުމަށް ޕެންޝަން އޮފީހުން ދަނީ މަސައްކަތްކުރަމުންނެވެ.
މި އަހަރުގެ ފޯރަމް މެދުވެރިކޮށް ގްރީން ފައިނޭންސްގެ ތެރެއިން ދެމެހެއްޓެނިވި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފުޅާކޮށް، ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ތަރައްގީކުރުމަށް އެހީތެރިވެދިނުމަށް ރޭވިފަވެއެވެ. ދެމެހެއްޓެނިވި މާލީ ނިޒާމެއް ކުރިއެރުވުމަކީ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމުގެ ގާބިލުއްޔަތު އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ސީދާ ގުޅިފައިވާ ކަމަކަށްވާތީ، މި ފޯރަމް ވެގެންދަނީ ޔޫއެންޑީޕީގެ ލަނޑުދަނޑިތަކާ ވަރަށް ބޮޑަށް ގުޅިފައިވާ ހަރަކާތަކަށެވެ.
މި ފޯރަމަކީ ސިލްސިލާކޮށް ބާއްވަމުން އަންނަ މޯލްޑިވްސް ފައިނޭންސް ފޯރަމްގެ 13 ވަނަ ބައްދަލުވުން ކަމަށްވާއިރު، މިއީ މާލީ އަދި އިގްތިސާދީ މުހިންމު ކަންކަމާ ބެހޭގޮތުން ހިޔާލު ބަދަލުކުރުމަށް ފަހިވެގެންދާ މުހިންމު މަންސައެކެވެ. މި ފޯރަމުގައި އަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި، ވިލުންވެރި ރައްކާތެރި އިގްތިސާދެއް ބިނާކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އައު ހިޔާލުތައް ހޯދުމަށް ބާރުއެޅޭނެއެވެ.
ފޯރަމާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށާއި ރަޖިސްޓަރކުރުމަށް www.financeforum.mv ގެ ލިންކު ބޭނުންކުރެވޭނެއެވެ. މިއަހަރުގެ ފޯރަމްގެ ސަބަބުން ރާއްޖޭގެ ގްރީން ފައިނޭންސް ދާއިރާ ކުރިއަރައި، ތިމާވެއްޓާ ރައްޓެހި މަޝްރޫއުތަކަށް އިންވެސްޓްމަންޓް ހޯދުމަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ޕެންޝަން އޮފީހުން ފާހަގަކުރެއްވިއެވެ.




