ރާއްޖޭގެ އިގްތިސާދަށް ދޫކުރި ޔޫއެސް ޑޮލަރުގެ މިންވަރު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެ، ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު 80 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.
އިކޮނޮމިކް ޓްރާންސްޕޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުން ފެށިގެން 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ އިގްތިސާދަށް ޖުމްލަ 1.94 ބިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. މިއީ 2021 އިން 2023 އަށް ދޫކުރެވުނު 1 ބިލިއަން ޑޮލަރާ އަޅާބަލާއިރު 863.3 މިލިއަން ޑޮލަރުގެ ބޮޑު އިތުރުވުމެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ކުރިއެރުން ހޯދާފައިވަނީ ކުރީގެ މުއްދަތަށްވުރެ ތިން މަސްދުވަސް ކުރު މުއްދަތެއްގެ ތެރޭގައެވެ.
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރަކަށް ބަލާއިރު އިގްތިސާދަށް ދޫކުރި ޑޮލަރުގެ އެވްރެޖް ނިސްބަތްވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން އަހަރަކު އެވްރެޖްކޮށް ދޫކުރި 359 މިލިއަން ޑޮލަރުން މިހާރު ވަނީ 705 މިލިއަން ޑޮލަރަށް މަތިވެފައެވެ. މިއީ ގާތްގަނޑަކަށް 96 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވެފައި، ބައިނަލްއަގްވާމީ ވިޔަފާރީގެ މުއާމަލާތްތަކަށް ބޭރު ފައިސާ ނުހަނު ބޭނުންތެރި ގައުމަކަށް ވާތީ، އިގްތިސާދަށް ޑޮލަރު ލިބެން ހުރުމަކީ މާލީ ހަމަޖެހުމަށާއި ވިޔަފާރިތަކަށް ކޮންމެހެން މުހިންމު ކަމެކެވެ.




