ދިވެހިރާއްޖޭގެ ބާޒާރުގައި ކެރެޓުގެ އަގު އިންތިހާއަށް އުފުލިފައިވާތީ، އެކަން ހައްލުކޮށް އަގު ހިފެހެއްޓުމަށްޓަކައި އިތުރު ކެރެޓު ކޮންޓެއިނަރުތައް ކްލިއާކޮށް ބާޒާރަށް ނެރުމުގެ މަސައްކަތް ސްޓީއޯއިން ކުރަމުންދާ ކަމަށް އިގްތިސާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މި ދުވަސްވަރު ބާޒާރުގައި ކެރެޓުގެ އަގު ކުއްލިއަކަށް ބޮޑުވެގެން ދިޔުމާ ގުޅިގެން ގިނަ އަދަދެއްގެ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން، އާންމުކޮށް 180 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ އަގަކަށް ލިބެމުންދިޔަ ކެރެޓު ކޭހެއްގެ އަގު ވަނީ 1,500 ރުފިޔާއަށް އަރާފަ އެވެ. އަދި އާންމުކޮށް 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދު ވިއްކި ކެރެޓު ކިލޯއެއްގެ އަގު މިހާރު ހުރީ 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދުގަ އެވެ.
އަގު އުފުލެން މެދުވެރިވި ސަބަބާ ގުޅޭގޮތުން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ސައީދު ވިދާޅުވީ، ކެރެޓުގެ އަގު އުފުލެން ދިމާވީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކާ ގުޅިގެން ކަން ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. ނަމަވެސް، ސަޕްލައި މަދުވި ދަނޑިވަޅުގައި ވެސް އެސްޓީއޯ މެދުވެރިކޮށް ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުން ގޮސްފައިވާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ސަޕްލައިގެ ދަތިކަން ކުރިމަތިވި އަމިއްލަ ކުންފުނިތަކުގެ މުދާ ވެސް އެމްޕީއެލް އާ ގުޅިގެން މިހާރު ވަނީ ކްލިއާކޮށް ނިންމާފައެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ވިޔަފާރިވެރިން އަގު ބޮޑުކޮށް ކެރެޓު ނުވިއްކަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
ކެރެޓުގެ އިތުރުން ވެސް ބާޒާރުގައި ބައެއް އަސާސީ ބާވަތްތަކުގެ އަގުތައް ވަނީ އުފުލިފަ އެވެ. އެގޮތުން ކުރިން 400 ރުފިޔާއަށް ވުރެ ދަށުން ލިބުނު ބިސް ކޭހެއް 530 ރުފިޔާއަށް އަދި ކުރިން 230 އާއި 250 ރުފިޔާއާ ދެމެދު ވިއްކި ފިޔާ ބަސްތާއެއްގެ އަގު ވަނީ 480 އާއި 500 ރުފިޔާއާ ދެމެދަށް ބޮޑުވެފަ އެވެ.
މިފަދަ އަސާސީ މުދަލުގެ އަގުތައް ކޮންޓްރޯލްކޮށް ހިފެހެއްޓުމަށްޓަކައި އެސްޓީއޯގެ ފިހާރަތަކުން މިހާރު ވެސް ދަނީ ހެޔޮ އަގުގައި ތަކެތި ފޯރުކޮށްދެމުންނެވެ. އެގޮތުން އެސްޓީއޯއިން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކަމުންދާއިރު، ފިޔާ ކިލޯއެއް 15 ރުފިޔާއަށް، އަލުވި ކިލޯއެއް 12 ރުފިޔާއަށް އަދި ލޮނުމެދު ކިލޯއެއް ވިއްކަމުންދަނީ 50 ރުފިޔާއަށެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅައިބަލާއިރު ނިމިދިޔަ އޮކްޓޫބަރު މަހު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ 9 އިންސައްތަ އުފުލިފަ އެވެ. އަދި މަހުން މަހަށް ބަލާއިރު ތަކެތީގެ އަގު ވަނީ 1.01 އިންސައްތަ އިތުރުވެފަ އެވެ.





