ބާޒާރުގައި ބައެއް ބާވަތްތަކުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގައި، އެސްޓީއޯއިން ކެރެޓް ކިލޯއެއް އެންމެ 40 ރުފިޔާއަށް ވިއްކަން ފަށައިފިއެވެ. ބާޒާރުގެ ބައެއް ފިހާރަތަކުގައި ކެރެޓް ކިލޯއެއްގެ އަގު 170 ރުފިޔާއަށް އަރާފައިވާއިރު، އެސްޓީއޯގެ މި ނިންމުމަކީ އާންމު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެކެވެ.
އެސްޓީއޯގެ އަގުތަކަށް ބަލާއިރު، ކެރެޓުގެ އިތުރުން ކައްކަން ބޭނުންކުރާ މުހިންމު އެހެން ބާވަތްތައް ވެސް ލިބެނީ ވަރަށް ހެޔޮ އަގުގައެވެ. އެގޮތުން ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް ލިބޭއިރު، ފިޔާ ކިލޯއެއް 15 ރުފިޔާއަށް އަދި އަލުވި ކިލޯއެއް ލިބެން ހުރީ އެންމެ 12 ރުފިޔާއަށެވެ. މި ތަކެތި ވިއްކާ ރަސްމީ އަގުތައް އެސްޓީއޯގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ އަސާސީ ބާވަތްތައް މެދުކެނޑުމެއްނެތި ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މިގޮތުން، އެ މަނިކުފާނުގެ ނިންމެވުމާ ގުޅިގެން އަސާސީ ބާވަތްތަކުގެ ލިސްޓު ކުރިން އޮތް 23 ނުވަތަ 26 ބާވަތުން މިހާރު ވަނީ 80 ބާވަތަށް އިތުރުކޮށްފައެވެ. އެސްޓީއޯއިން ދަނީ މި ހުރިހާ ބާވަތެއް ރާއްޖެއަށް އެތެރެކޮށް ހެޔޮއަގުގައި ބާޒާރަށް ނެރެމުންނެވެ. އެ ކުންފުނިން އަސާސީ ކާބޯތަކެތީގެ ލިސްޓަށް މި ބާވަތްތައް އިތުރުކޮށްފައިވަނީ، ބާޒާރުގައި މި ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމަށާއި މާކެޓް ރޭޓްތަކަށް ބަލައިގެން ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ތަކެތި ފޯރުކޮށްދިނުމަށެވެ.
އެސްޓީއޯއިން އަލަށް އެތެރެކޮށް ވިއްކާ 80 ބާވަތުގެ ތެރޭގައި ހިމެނެނީ:
- މޭވާގެ ބާވަތްތައް: ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، އަނބު، ފަޅޯ، ކަރާ، މޭބިސްކަދުރު އަދި މިރުސް ހިމެނޭހެން 20 ބާވަތެއް.
- ތަރުކާރީގެ ބާވަތްތައް: ފިޔާ، އަލުވި، އިނގުރު، ލޮނުމެދު، ކެރެޓު، ކެބެޖު، ބަރަބޯ، ޓޮމާޓޯ އަދި ލެޓިއުސް ފަދަ 20 ބާވަތެއް.
- އާންމު ކާބޯތަކެތީގެ ބާވަތްތައް: ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ބިސް، މުގު، ކާށި، ކުކުޅު އަދި ބަދިގެއަށް ބޭނުންވާ 37 ބާވަތެއް.
- ކާބޯތަކެތި ނޫން އަސާސީ ބާވަތްތައް: ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރާ 3 ބާވަތެއް.
މި ލުއިފަސޭހަކަން ހަމައެކަނި މާލެއަށް ހާއްސަ ނުކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އެސްޓީއޯގެ އަގުގައި މި ތަކެތި ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އެސްޓީއޯ ގުޅިގެން، ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކުގެ ތެރެއިން އޭޖެންޓުން ކަނޑައަޅައި، ރަށްރަށަށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެހެންކަމުން ބާޒާރުގައި ބޮޑު އަގު ދީފައި ކެރެޓާއި އެހެނިހެން ތަރުކާރީގެ ބާވަތްތައް ގަތުމުގެ ބަދަލުގައި، އެސްޓީއޯގެ ފިހާރަތަކުންނާއި ރަށްރަށުގައި ތިބި އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް ހެޔޮ އަގުގައި މި ތަކެތި ބައްލަވައިގަތުމަށް ވަނީ އެދިފައެވެ.



