ދިވެހިރާއްޖޭގެ ބާޒާރުން ކުކުޅުބިސް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ބިހުގެ އިތުރު ޝިޕްމެންޓުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާ ކަމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އެސްޓީއޯ އިން ވިދާޅުވީ، ރާއްޖެއިން ބިސް ހުސްވެގެން ކޮންޓްރޯލްކޮށްގެން ވިއްކަމުންދާ ކަމަށް ބުނެ މީސްމީޑިއާގައި ފަތުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އަދި މިހާރުވެސް އެއްވެސް ކޮންޓްރޯލެއް ނެތި ބިސް ވިއްކަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ދަތިކަމެއް ނެތި ބާޒާރުން ބިސް ލިބެން ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.
ބިހަކީ މިހާރު ސަރުކާރުން އަސާސީ ބާވަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ އެއްޗަކަށް ވާތީ، މެދުކެނޑުމެއް ނެތި ބާޒާރުން މި ބާވަތް ލިބެން ހުރިތޯ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ޤަވާއިދުން ދަނީ މޮނީޓަރ ކުރަމުންނެވެ. އަދި އަމިއްލަ ވިޔަފާރިވެރިންގެ އަތުން ބާޒާރުގައި ތަކެތި މަދުވާ ހާލަތްތަކުގައި، އެސްޓީއޯ މެދުވެރިކޮށް ތަކެތި އެތެރެކޮށް، ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓުމުގެ މަސައްކަތް ސަރުކާރުން އަބަދުވެސް ކުރަމުން ގެންދެއެވެ.
ރައްޔިތުންނަށް ފަސޭހަކަމާއެކު ކާބޯތަކެތި ފޯރުކޮށްދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް 23 ބާވަތެއް އިތުރުކޮށްފައެވެ. އާންމުކޮށް ކަނޑައަޅާފައި އޮންނަ ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން މި ލިސްޓުގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާއާއި، 10 ބާވަތުގެ ތަރުކާރީގެ އިތުރުން މުގު، އަލުވި އަދި ކުކުޅުބިސް ވަނީ ހިމަނާފައެވެ.
އެސްޓީއޯއިން ބުނީ ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތީގެ އެއްވެސް ބާވަތެއް ދަތިވިޔަ ނުދީ، އަބަދުވެސް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެ ކުންފުނީގެ އެންމެ އިސް އަމާޒު ކަމަށެވެ.









