ޗައިނާގެ މަޝްހޫރު ކޫލްފްލައި ކުންފުނީގެ އެއް ސީޓުގެ "އީވީޓޯލް" އުޅަނދު ހުޅުމާލޭގައި ކާމިޔާބުކަމާއެކު ޓެސްޓުކޮށް، އުދުއްސުމުގެ ހަރަކާތްތަކެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ޗައިނާ އެމްބަސީ ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތަކީ، ވިޔަފާރިތަކަށާއި ކަމާގުޅޭ މުއައްސަސާތަކަށް މި ދާއިރާއިން ފަހިވެފައިވާ ފުރުސަތުތައް ދައްކާލުމުގެ މަގުސަދުގައި ބޭއްވި ހަރަކާތެކެވެ.
ކަރަންޓުން ބާރުދީގެން ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރުމާއި ތިރިކުރުމުގެ ގާބިލުކަން ލިބިފައިވާ މި އުޅަނދަކީ، ތިމާވެށްޓާ ރައްޓެހި އަދި އަޑުމަޑު ޒަމާނީ ޓެކްނޮލޮޖީއެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވި ގޮތުގައި، މިފަދަ އިލެކްޓްރިކް އުޅަނދުތަކަކީ ރާއްޖޭގެ ރަށްތަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެވިދާނެ ވަސީލަތްތަކެކެވެ. އެގޮތުން، ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ލެބޯޓްރީތަކަށް މެޑިކަލް ސާމްޕަލް ގެންދިއުމާއި، އަވަހަށް ފޯރުކޮށްދޭންޖެހޭ ބޭހާއި ވެކްސިން އުފުލުމުގެ އިތުރުން، ކާރިސާތަކުގައި ފަސްޓްއެއިޑް ކިޓް ފޯރުކޮށްދިނުމާއި ބަލިމީހުން އުފުލުމަށް ވެސް މި އުޅަނދު ބޭނުންކުރެވިދާނެއެވެ. އަދި މީގެ އިތުރުން ތިމާވެށްޓާއި ގައުމީ އުމްރާނީ ވަސީލަތްތައް މޮނިޓާކުރުމަށް ވެސް މިއީ ބޭނުންތެރި ޓެކްނޮލޮޖީއެކެވެ. މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި، މި އުޅަނދަކީ ފެރީ ނުވަތަ އެތެރޭގެ އުދުހުންތަކުގެ ބަދަލުގައި ބޭނުންކުރާނެ އެއްޗަކަށް ނުވި ނަމަވެސް، އެ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމާއި ލުއިފަސޭހަކަން ގެނެސްދޭނެ ވަސީލަތެކެވެ.
މިފަދަ އުޅަނދުތައް ރާއްޖެއަށް ތައާރަފުވެގެން ދިއުމަކީ އިގްތިސާދީ ގޮތުން އާ ދޮރުތަކެއް ހުޅުވި، ދިވެހި ފަންނުވެރިންނަށް ގިނަ ވަޒީފާގެ ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމެއް ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ. އޭގެ ތެރޭގައި އުޅަނދުތަކުގެ މަރާމާތާއި އިންޖިނިއަރިން އަދި ޓެކްނިކަލް ދާއިރާގެ ވަޒީފާތަކުގެ އިތުރުން، ޕައިލެޓުންނާއި ޓެކްނީޝަނުން ބިނާކުރުން ހިމެނެއެވެ. އަދި ބެޓެރި ޗާޖުކުރުމުގެ ޚިދުމަތްތަކާއި، މެޑިކަލް އިމަޖެންސީ ސާމާނު ސަޕްލައިކުރުމާއި، އެއާ ސްޕޭސް މެނޭޖްމަންޓް އަދި އޭވިއޭޝަން ސޮފްޓްވެއާ އުފެއްދުމުގެ ވިޔަފާރިތަކަށް ވެސް ބޮޑެތި ފުރުސަތުތަކެއް ތަނަވަސްވެގެންދާނެއެވެ.
މި ހަރަކާތުގައި އީވީޓޯލް އުޅަނދު ދުއްވާނެ ގޮތާއި އޭގެ ބޭނުންތައް އަމަލީ ގޮތުން ދައްކާލާފައިވާއިރު، މިއީ ރާއްޖޭގެ ދަތުރުފަތުރާއި ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު ޒަމާނީ ފެންވަރަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.




