މާލެ ސަރަޙައްދުގައި އަލަށް ހުޅުވި "މެންހެޓަން ގްރޭންޑް ހޮޓެލް" ރަސްމީކޮށް ހުޅުވުން ފާހަގަކުރުމުގެ ގޮތުން، މިރޭ ހުޅުމާލޭގައި ކުލަގަދަ ހަވާއެރުވުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.
މެންހެޓަން ގްރޭންޑް ހޮޓަލުގެ ހަރަދުގައި ވިޔަފާރި އުސޫލުން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މިރޭ 10:00 ގައެވެ. ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގައި ހުންނަ އެ ހޮޓަލާ ދިމާލު މޫދު ސަރަހައްދުގައެވެ.
މެންހެޓަން ގްރޭންޑަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު ހޮޓަލެވެ. ފަސްތަރީގެ ފެންވަރަށް ތަރައްގީކޮށްފައިވާ މި ހޮޓަލުގައި 162 ކޮޓަރިއާއި، ފުރިހަމަ ހިދުމަތްތަކާއެކު ހިންގާ 4 ރެސްޓޯރަންޓުގެ އިތުރުން، އެކި ކަހަލަ އިވެންޓްތަކާއި ޖަލްސާތައް ބޭއްވުމަށް ހާއްސަ ތަނަވަސް 3 މާލަން (ހޯލް) ހިމެނެއެވެ.


