ދިވެހި ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން، ޔޫއޭއީ ގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ހާއްސަ ވާޗުއަލް ސެމިނާއެއް މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ނިންމައިފި އެވެ.
މާލޭގައި ހުންނަ ޔޫއޭއީ އެމްބަސީއާ ގުޅިގެން ކުރިއަށްގެންދާ މި ސެމިނާގެ މައިގަނޑު މަގުސަދަކީ، ޔޫއޭއީގެ ބާޒާރަށް ވަނުމަށް ހުރި ފުރުސަތުތަކާއި، އިންވެސްޓްމަންޓް ފުރުސަތުތަކުގެ އިތުރުން އެ ގައުމުން އިސްކަންދޭ އިގްތިސާދީ ދާއިރާތަކާއި އިންވެސްޓަރުންނަށް ލިބެންހުރި ލުއިފަސޭހަތަކުގެ މައުލޫމާތު ދިވެހި ވިޔަފާރިތަކަށް ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން، ޔޫއޭއީގެ 'ގޯލްޑަން ވިސާ' ޕްރޮގްރާމާއި އެ ގައުމުގެ އިންވެސްޓްމަންޓް މާހައުލާ ގުޅޭ ތަފްސީލީ މައުލޫމާތުވެސް މި ސެޝަނުގައި ހިއްސާކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރި އެވެ.
އަންނަ ބުދަ ދުވަހު އޮންލައިންކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ސެމިނާ ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 10:00 އިން 11:30 އަށެވެ.




