މިއަހަރުގެ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު، "މޯލްޑިވްސް އެކްސްޕޯ 2026" ގެ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކެޓަގަރީން އެޗްޑީސީން އެއްވަނަ ހޯދާއިފިއެވެ. ރޭ ބޭއްވި ހާާއްސަ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އެޗްޑީސީއަށް މި އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދެވެ. އެޗްޑީސީގެ ފަރާތުން މި އިނާމާ ހަވާލުވެލެއްވީ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް، މަލްޝާ ޝަރީފެވެ.
މި މައުރަޒުގައި އެޗްޑީސީގެ ފަރާތުން ހުޅުމާލެ ތަރައްގީވަމުން އައި ދުވަސްވަރުގެ ތާރީހާއި، މުސްތަގުބަލުގެ ތަސައްވުރު ރަމްޒުކޮށްދޭ ތަފާތު މޮޑެލްތަކެއް ހުށައެޅިއެވެ. އެގޮތުން ހުޅުމާލެ ބިނާކުރަން ފެށި ދުވަސްވަރު މާލެއާއި ހުޅުމާލެއާ ދެމެދު މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރި ދޯނީގެ ނަމޫނާއެއްގެ އިތުރުން، 2003 ވަނަ އަހަރު "ޑްރެޖިންގ އިންޓަރނޭޝަނަލް" މެދުވެރިކޮށް ގެނެސް، އެންމެ 6 މަސްދުވަހުގެ ތެރޭގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިން ހިއްކި "އެމަޒޯން" ކޮންނަ ބޯޓުގެ ތަފްސީލީ މޮޑެލްއެއްވެސް ހުށައެޅިއެވެ.
މާޒީގެ ތާރީހީ އުޅަނދުތަކުގެ މޮޑެލްތަކުގެ އިތުރުން، ހުޅުމާލެއަށް އަލަށް ތައާރަފުކުރަން ނިންމާފައިވާ ސްމާޓް މަގު ބައްތީގެ މޮޑެލްއެއްވެސް އެޗްޑީސީން ދައްކާލިއެވެ. މި މޮޑެލްއަކީ ދުރުގައި ތިބެގެން މަގުބައްތިތައް ކޮންޓްރޯލްކޮށް، އަލި ހުންނަ މިންވަރު އަމިއްލައަށް ބަދަލުކުރުމުގެ އިތުރުން، ދިމާވާ މައްސަލަތައް ވަގުތުން ދެނެގަނެވޭ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. މިއީ ކަރަންޓު ހަރަދު ކުޑަކޮށް، މައްސަލަތައް އަވަހަށް ހައްލުކުރުމަށް އެޗްޑީސީން ގާއިމުކުރަން ނިންމާފައިވާ ޒަމާނީ ނިޒާމެކެވެ.
ރޭ ބޭއްވި ހާާއްސަ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ
މައުރަޒަށް ހުށަހެޅި މި ހުރިހާ މޮޑެލްތަކަކީވެސް އެޗްޑީސީގެ ހުނަރުވެރި މުވައްޒަފުން އަމިއްލައަށް ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި މިފަދަ މައުރަޒުތަކުގައި ބައިވެރިވުމުގެ މައިގަނޑު ބޭނުމަކީ، އެ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށްއޮތްތަނުގައި ބޭނުންކުރަން ނިންމާފައިވާ އާ އުފެއްދުންތައް ވީހާވެސް ގިނަ އާންމުންނަށް ދައްކާލުމާއި، ކުންފުނީގެ ކުރިއެރުންތައް ހިއްސާކުރުމެވެ.
ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ފަށަން ހަމަޖެހިފަވާ "މޯލްޑިވްސް އެކްސްޕޯ 2026" ކުރިއަށްދާނީ 2 ނޮވެމްބަރު 2026 ގެ ނިޔަލަށެވެ. މި މައުރަޒަކީ 600 އަށްވުރެ ގިނަ ބައިވެރިންގެ ފަރާތުން 4،400 އަށްވުރެ ގިނަ ތަފާތު ޕްރޮޑަކްޓްތައް ދައްކާލުމަށް އިންތިޒާމުކުރެވިގެން ކުރިއަށްދާ ބޮޑު މައުރަޒެކެވެ.







