ހުޅުމާލެއަކީ އެންމެންގެ ބައިވެރިވުން އެކުލެވޭ، ލާމެހިފައިވާ ވެއްޓަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މަސައްކަތްތަކުގައި މުޖުތަމައުގެ އެންމެހާ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހިމެނުމަށްޓަކައި ޕާސަންސް ވިތް ޑިސެބިލިޓީ (ޕީޑަބްލިޔުޑީ) އެމްބެސެޑަރުންގެ ގޮތުގައި ދެ ބޭފުޅަކު އައްޔަންކޮށްފިއެވެ.
ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅުވައިގެން އެޗްޑީސީގެ ޕީޑަބްލިޔުޑީ އެމްބެސެޑަރުންގެ ގޮތުގައި ރަސްމީކޮށް އައްޔަންކޮށްފައިވަނީ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އާމިނަތު އިރާޝާ އާއި ސެންޓްރަލް އޮޕަރޭޝަންސްގެ އަހްމަދު ނަޖީބެވެ. މި ދެ ބޭފުޅުންގެ އެމްބެސެޑަރުކަމުގެ މުއްދަތު އަންނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ.
އެޗްޑީސީއާއެކު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން، މި ދެ އެމްބެސެޑަރުންގެ މައިގަނޑު މަސައްކަތަކަށް ވާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެވެ. އެގޮތުން އެފަރާތްތަކުގެ ހިޔާލާއި، މަޝްވަރާއާއި، ކަންބޮޑުވުންތައް އެޗްޑީސީގެ މެނޭޖްމަންޓަށް ހުށަހެޅުމުގައި އެހީތެރިވުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅޭ މަސައްކަތްތައް ތަފާތު ޑިޕާޓްމަންޓްތަކުން ކުރިއަށްދާގޮތް ބެލުމުގެ އިތުރުން ހުޅުމާލޭގައި ހިންގޭ ތަރައްގީގެ މަޝްރޫއުތަކަކީ އެންމެންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްދާ މަޝްރޫއުތަކެއްކަން ކަށަވަރުކުރުމުގައި އެމްބެސެޑަރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ އެކްޓިން ހެޑް މުހައްމަދު ހިސާން ވިދާޅުވީ، އެ ކޯޕަރޭޝަންގެ އެންމެ ބޮޑު އެއް އަމާޒަކީ ހުޅުމާލެއަކީ އެންމެހައި ރައްޔިތުންނަށް ބޭނުންކުރަން ފަސޭހަ، އެންމެންގެ ބައިވެރިވުން އެކުލެވޭ އަދި މަސައްކަތުގެ މާހައުލާއި ވަސީލަތްތައް ލާމެހިފައިވާ ތަނަކަށް ހެދުން ކަމަށެވެ. އަދި މަގުތަކާއި އާންމު ސަރަހައްދުތައް ތަރައްގީކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބޭނުންތަކަށް އިސްކަންދެވޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެއްވެސް ކަންބުޑުވުމެއް ހިއްސާކުރައްވަން ބޭނުންފުޅުނަމަ، އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅުއްވައިގެން އެ މައުލޫމާތެއް ހިއްސާކުރެއްވޭނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.





