ހުޅުމާލޭގައި ދިރިއުޅޭ އިސްރަށްވެހިންގެ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމުގެ މަގުސަދުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމުގައި ބައިވެރިވުމަށް އިތުރު ފުރުސަތެއް ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ ގިނަ އިސްރަށްވެހިން އަބަދު ގޭގައި ތިބެންޖެހުމާއި، އިޖުތިމާއީ ހަރަކާތްތަކުން އެކަހެރިވުން ނައްތާލައި، އެ ފަރާތްތަކަށް އުފާވެރި އަދި ހަރަކާތްތެރި މާހައުލެއް ގާއިމުކޮށްދިނުމުގެ މަގުސަދުގައި ރާވާފައިވާ ހަރަކާތެކެވެ. މުޅިން ހިލޭ ބައިވެރިވެވޭ މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ހާއްސަ ގޫގްލް ފޯމެއް މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
މި މަހުގެ 5 ވަނަ ދުވަހު ބޭއްވި ހެލްތު އެކްސްޕޯގެ ތެރެއިން ވެސް ގިނަ އަދަދެއްގެ އިސްރަށްވެހިން މި ޕްރޮގްރާމުގައި ވަނީ ރަޖިސްޓްރީވެފައެވެ. އެހެންކަމުން، މި ޕްރޮގްރާމަށް ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން، ވީހާ ވެސް ގިނަ ފަރާތްތަކަކަށް ފުރުސަތު ދިނުމުގެ ގޮތުން ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ދިނީ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
"ދުޅަހެޔޮ އިސްރަށްވެހިން" ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި ހިނގާ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮގްރާމް ބަހާލެވިފައިވަނީ އެއް މަސް ދުވަހުގެ ބެޗްތަކަކަށެވެ. އަދި ކޮންމެ ބެޗަކަށް ވެސް ހަފުތާއަކު ތިން ދުވަހު، ޖުމުލަ 12 ސެޝަން ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން ކޮންމެ ހަފުތާއަކު ތިން ދުވަހު، އިސްރަށްވެހިންގެ އުމުރާ ގުޅޭގޮތަށް ފަރުމާކޮށްފައިވާ ލުއި ކަސްރަތުތަކާއި، ހިނގުމާއި، ސްޓްރެޗިންގ އަދި ނޭވާލުމުގެ ކަސްރަތުތަކުގެ އިތުރުން ވެސް އެ ފަރާތްތަކާ ގުޅޭ ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެވޭނެއެވެ.
މީގެއިތުރުން، ޕްރޮގްރާމްގެ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިންގެ ރައްކާތެރިކަމަށާއި ސިއްހީ ހާލަތަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ ގޮތުން ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ. އަދި ސެޝަންތައް ކުރިއަށްދާ ވަގުތުތަކުގައި ފަސްޓްއެއިޑްގެ ޚިދުމަތާއި، ބޯފެނާއި، އަރާމުކުރެވޭނެ އިންތިޒާމުތައް ވެސް ފުރިހަމަކޮށްފައި ހުންނާނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ހެލްތާއި، ހުޅުމާލެ ހޮސްޕިޓަލާއި، ދިވެހި ފުލުހުންގެ ހިދުމަތާއި، ފިޒިއޯ ސޮލިއުޝަންސް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި، އެމްޓީސީސީ، އުރީދޫ މޯލްޑިވްސް އަދި އެކިއެކި ޖަމިއްޔާތަކުގެ އެއްބާރުލުމާ އެކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
އެޗްޑީސީގެ މައިގަނޑު އަމާޒަކީ މި ޕްރޮގްރާމްގެ ސަބަބުން އިސްރަށްވެހިންގެ ސިއްހީ އަދި ނަފުސާނީ ދުޅަހެޔޮކަން އިތުރުވެގެން ގޮސް، މުޅި ހުޅުމާލެއަކީ ހުރިހާ އުމުރެއްގެ ރައްޔިތުންނަށް ވެސް އުފަލާއި ހިތްހަމަޖެހުމާ އެކު ދިރިއުޅެވޭނެ ހިތްފަސޭހަ މުޖުތަމައަކަށް ހެދުމެވެ.






