ގްރޭޓާ މާލެ ސަރަޙައްދުގައި ތަރައްގީކުރި އެންމެ ބޮޑު ފަސްތަރީގެ ހޮޓާ، "މެންހަޓަން ގްރޭންޑް ހޮޓެލް" ކުލަގަދަ ހަވާގެ ކުޅިވަރަކާއެކު މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.
ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހޮޓާ ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ފައިނޭންސް އެންޑް ސްޓޭޓް އެންޓަޕްރައިޒަސް ހަސަން ޒަރީރެވެ. ހޮޓާ ހުޅުވުމުގެ މުނާސަބަތުގައި ހުޅުމާލޭގެ ފޭސް 3 ގައި ވަނީ ހަވާ އަރުވާފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުގެ ރާސްތާއެއްގައި ހުންނަ މި ހޮޓަލަކީ ޒަމާނީ ފެންވަރުގެ ގިނަ ހިދުމަތްތަކެއް އެކުލެވިގެންވާ ތަނެކެވެ. އެގޮތުން 162 ކޮޓަރިއާއި ސްއިޓްސްގެ އިތުރުން، އައުޓްޑޯ ސްވިމިންގ ޕޫލް، ހޮޓް ޓަބް، ސްޕާ އަދި ވެލްނަސް ސެންޓަރަކާއި ފިޓްނަސް ސެންޓަރެއް މި ހޮޓަލުގައި ހިމެނެއެވެ. މީގެއިތުރުން ބޭންކުއެޓް ހޯލަކާއި، އެކި ކަހަލަ ހަފްލާތަކާއި ކޮންފަރެންސްތައް ބޭއްވޭނެ އެތައް ހޯލެއްވެސް ވަނީ ޤާއިމުކޮށްފައެވެ. އަދި ބައިނަލްއަގްވާމީ ފްރެންޗައިޒް ހަތަރު ރެސްޓޯރެންޓެއް މިތަނުގައި ހުޅުވުމަށް ވަނީ ރޭވިފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ހުއްޓިފައި ހުރި އެސްޓީއޯގެ ކުރީގެ އިމާރާތުގައި ތަރައްގީކުރި މި ހޮޓަލުގެ މަސައްކަތް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުން ނިންމާލާފައިވަނީ ގާތްގަނޑަކަށް 11 މަސްދުވަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ ޔޫއޭއީގެ ޑީޕް ސީފުޑް ކޮމްޕެނީގެ 50 އިންސައްތަ ހިއްސާއާއެކު ކުރިއަށްގެންދިޔަ ބޮޑު އިންވެސްޓްމަންޓެކެވެ.
މި އިމާރާތުގެ އެއްބައި ސަރުކާރުގެ ބޭނުންތަކަށް ހާއްސަކޮށްފައިވާއިރު، އޭގެ ތެރޭގައި މީޑިއާ ވިލެޖާއި، ޒުވާނުންނާއި އީ-ސްޕޯޓްސް ސެންޓަރާއި، ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހިމެނެއެވެ.
މި ހޮޓަލުގެ ވިޔަފާރި ފެށުމާއެކު ޓެކުހާއި އެހެނިހެން ގޮތްގޮތުން ދައުލަތަށް އަހަރަކު ގާތްގަނޑަކަށް 3 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
މި ހޮޓަލާ ބެހޭ އިތުރު މައުލޫމާތާއި ބުކިންގ ހެދުމުގެ ފުރުސަތު ހޮޓަލުގެ ރަސްމީ ވެބްސައިޓް manhattangrandhotel.com މެދުވެރިކޮށް މިހާރު ވަނީ ހުޅުވާލާފައެވެ.



