މާލެ ސަރަޙައްދުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ހާއްސަކޮށްގެން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ޒަމާނީ އެކޮމޮޑޭޝަން ބިލްޑިންގ "އެކުވެހި" ހުޅުވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތައްޔާރުވެއްޖެއެވެ. މި މަޝްރޫއަކީ ދަރިވަރުންނަށް އަތްފޯރާ އަގުތަކެއްގައި، ފަސޭހަކަމާއެކު އެކުވެރި މާހައުލެއްގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ މަގްސަދުގައި ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.
މުޅިން ނިމި، ވަރަށް އަވަހަށް ހިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުން އަންނަ މި އިމާރާތަކީ 198 ދަރިވަރުންގެ ޖާގައިގެ ތަނެކެވެ. މިއީ މަތީ ތައުލީމު ފުރިހަމަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެ ސަރަހައްދަށް ހިޖުރަކުރާ ދަރިވަރުންނަށް އަމާޒުކޮށްގެން ތަރައްގީކޮށްފައިވާ ތަނެކެވެ.
ދަރިވަރުން ގުޅިގެން ދިރިއުޅޭ "ކޯ-ލިވިންގ" ކޮންސެޕްޓަށް 14 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ "އެކުވެހި" ފަރުމާކޮށްފައިވަނީ ހަމައެކަނި ނިދާނެ ތަނެއްގެ ގޮތުގައެއް ނޫނެވެ. އޭގެ ބަދަލުގައި، ދަރިވަރުންނަށް ފަސޭހަކަމާއެކު ފިލާވަޅުތައް ދަސްކުރުމަށާއި، އިޖުތިމާޢީ ގުޅުންތައް ބަދަހިކޮށް، އެކުވެރި މާހައުލެއް ބިނާކުރުމަށް މަގުފަހިވާނޭ ގޮތަށެވެ.
މި އިމާރާތުގައި ގާއިމުކޮށްފައިވާ މުހިންމު ހިދުމަތްތަކުގެ ތެރޭގައި:
- އެކަނި އަދި ދެމީހުންނަށް ހިއްސާކުރެވޭ ގޮތަށް ހަދާފައިވާ ކޮޓަރިތައް
- އާންމުކޮށް ބޭނުންކުރެވޭ ބަދިގެއާއި ޕޭންޓްރީ
- ހިތްހަމަޖައްސާލުމަށް ހާއްސަ ލައުންޖުތައް
- އައުޓްޑޯ ޖިމް
- ލޯންޑްރީގެ ހިދުމަތް
- ވިޔަފާރިކުރެވޭނެ ފިހާރަތައް
މާލެ ސަރަހައްދުގައި ކިޔަވާ ދަރިވަރުންނަށް ކުރިމަތިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން އެޗްޑީސީން މި މަޝްރޫއު އިފްތިތާހުކުރީ ޑިސެމްބަރު 2022 ގައެވެ. މި ތަނުގެ ސަބަބުން ދަރިވަރުންގެ މެދުގައި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ރޫހު އާލާވެ، އެކުވެރި މުޖުތަމައެއް ބިނާވުމަށް ބާރުއެޅިގެންދާނެއެވެ.
އެޗްޑީސީން މައުލޫމާތު ދޭގޮތުގައި، މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހާއްސަ ވެބްސައިޓް [ekuvehi.hdc.mv] (https://ekuvehi.hdc.mv) މެދުވެރިކޮށް ބަލާލެވޭނެއެވެ. ނަމަވެސް މި ތަނުން ކުއްޔަށް ކޮޓަރި ދޫކުރާނެ އަގުތަކާއި، ކުރިމަތިލުމަށް ހުޅުވާލާނެ ތާރީހެއް އަދި ރަސްމީކޮށް ހުޅުވާނެ ދުވަހެއް އެޗްޑީސީން އަދި ހާމަކޮށްފައެއް ނުވެއެވެ.




