ދިގުލައިގެން ދިޔަ މެދުކެނޑުމަކަށްފަހު، ހުޅުމާލޭގައި ތަރައްގީކުރާ ވޯޓަރ ތީމް ޕާކުގެ އަމަލީ މަސައްކަތް ގާތްގަނޑަކަށް 9 އަހަރު ފަހުން އަލުން ފަށައިފިއެވެ. މިއީ ޒަމާނީ ފެންވަރުގެ ބައިނަލްއަޤްވާމީ ރިސޯޓް ހޮޓަލަކާ އެކު ތަރައްގީކުރުމަށް އެކުލަވާލެވުނު މުޅިން އައު އަދި ފުޅާ މާސްޓަރ ޕްލޭނެއްގެ ދަށުން ކުރިއަށްގެންދެވޭ މަޝްރޫއެކެވެ.
2017 ވަނަ އަހަރު ފެށުމަށްފަހު އެކި ސަބަބުތަކާހުރެ މެދުކެނޑިފައިވާ މި މަޝްރޫއުގެ ޑިވެލޮޕަރަކީ ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ. އަދި ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތްތައް އެއްކޮށް ނިންމައި ޚިދުމަތަށް ގެނެވޭނެ ކަމަށް ލަފާކުރެވެއެވެ.
ޖުމްލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަހައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢަކީ ދިވެހި ޢާއިލާތަކަށާއި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަފާތު މުނިފޫހިފިލުވުމުގެ ތަޖުރިބާއެއް ގެނެސްދޭނެ މަޝްރޫޢެކެވެ.
ހުޅުމާލެ ވޯޓަރ ތީމް ޕާކް (17,800 އަކަމީޓަރު)
މޫދާ ގުޅިފައިވާ ހިތްގައިމު މާޙައުލެއްގައި ތަރައްގީކުރާ މި ޕާކުގައި 11 ވޯޓަރ އެޓްރެކްޝަނަކާއި، ހިދުމަތްދޭ 30 ވަސީލަތެއް ގާއިމުކުރެވޭނެއެވެ. އޭގެ ތެރޭގައި:
- 8 ވޯޓާ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސް އަކާއި ފޯރިގަދަ 'ޓޯނޭޑޯ ސްލައިޑް'
- 290 މީޓަރުގެ 'ލޭޒީ ރިވަރ'
- 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލް' އަދި 1,900 އަކަމީޓަރުގެ 'ސްޕްލޭޝް ޕެޑް' އާއި 'ވޯޓަރ ހައުސް'
- ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ 'ކިޑްސް ބޫމަރޭންގް ސްލައިޑް'، 'ޓޮޑްލަރ ޕޫލް' އަދި 'ކިޑްސް ސްލައިޑްސް'
- އަރާމުކޮށްލުމަށް 200 އަކަމީޓަރުގެ 'ސްޕާ ޕޫލް' އެއްގެ އިތުރުން، 230 އަކަމީޓަރުގެ 'އިންފިނިޓީ ބަބްލް ޕޫލް'
- މޫދުގައި ކުރިއަށްގެންދާ 'އިންފްލޭޓަބަލް ޗެލެންޖް ގޭމްސް'، ކޯސްޓަލް ވޯޓަރ ސްލައިޑް، 'އޯވަހޭންގިންގ ވިއުއިންގ ޕްލެޓްފޯމް' އަދި ޕްރައިވެޓް ވެކޭޝަން ކޮޓޭޖްތައް
މީގެ އިތުރުން، 1,120 އަކަމީޓަރުގެ މައި ކޮމްޕްލެކްސް އިމާރާތަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަނާއި އޮފީހަށް ހާއްސަ 5 ފަންގިފިލާގެ އިމާރާތަކާއި، ރެސްޓޯރެންޓް، ފޮޓޯ ޕޮއިންޓްތައް، މަލްޓިމީޑިއާ ޒޯން އަދި ޕާކިންގ ވަސީލަތްތައް ވެސް ގާއިމުކުރެވިގެންދާނެއެވެ.
'ވޯކޯ ރިސޯޓް ހޮޓެލް' (23,749.7 އަކަމީޓަރު)
ވޯޓަރ ތީމް ޕާކާ ގުޅިގެން ތަރައްގީކުރާ މި ހޮޓަލުގައި 250 ކޮޓަރިއާއި ސުއިޓް، 95 ސާވިސްޑް އެޕާޓްމަންޓް، ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ 15 އެޕާޓްމަންޓް އަދި ބީޗްފްރަންޓް 3 ހޮޓެލް ވިލާ ހިމެނެއެވެ.
ހަމައެއާއެކު، 2,942 އަކަމީޓަރުގެ ރީޓެއިލް ވިޔަފާރި ޖާގައަކާއި، ސްޓޯލް ދޫކުރާ މާކެޓަކާއި، 6 ފަންގިފިލާ އަދި 3 ފަންގިފިލާގެ ދެ އޮފީސް އިމާރާތް އަލަށް ތަރައްގީކުރެވޭނެއެވެ. މި އިމާރާތްތަކުގެ ބޭސްމަންޓުގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ޒަމާނީ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
މި މަޝްރޫއު އަލުން ފެށުމަކީ ހުޅުމާލޭގައި އެކި ސަބަބުތަކާހުރެ ހުއްޓިފައި ހުރި ބޮޑެތި މަޝްރޫއުތައް އަލުން ފަށައި، ރައްޔިތުންނަށް އެ މަޝްރޫއުތަކުގެ ފުރިހަމަ ފައިދާ ހޯދައިދިނުމަށް އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. މީގެ ކުރިން ވެސް 21 އަހަރު ވަންދެން ހުއްޓިފައި އޮތް ސިޓީ ހޮޓަލުގެ މަސައްކަތާއި، ރީތިގަސް މަޝްރޫއުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި ޚިދުމަތް ވަނީ ފަށާފައެވެ. އަދި ދި ގާޑަން މަޝްރޫއު ނިންމައި، މެދުކެނޑިފައިވާ ވާޓިކަލް ޕާކިންގ ނިޒާމުތައް ވެސް ވަރަށް އަވަހަށް ބޭނުންކުރަން ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
މި ހުރިހާ މަސައްކަތްތަކުގެ ވެސް އަމާޒަކީ ހުޅުމާލެއަކީ ދިރިއުޅުމަށާއި، ވިޔަފާރިއަށާއި ފަތުރުވެރިކަމަށް އެންމެ ފުރިހަމަ އަދި ޒަމާނީ ފަހި ސިޓީއަކަށް ހެދުމެވެ.





