ހުޅުމާލޭ ދިއްގާމަގު ބީޗް ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީއެއް ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދިން ގޮތުގައި، މި މާރާމާރީގެ މަޢުލޫމާތު ލިބުމާ ގުޅިގެން ރޭ 22:50 ހާއިރު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، އެ ސަރަހައްދުގައި ހުރި މީހަކު ހުއްޓުވައި ވަނީ ބަލައިފާސްކޮށްފައެވެ.
އޭނާ ބަލައިފާސްކުރިއިރު، އޭނާ ހުރި ތަނުގެ ކައިރިން ބަޔޮނެޓަކާއި ކަޓަރެއް ފެނިފައިވެއެވެ. އަދި އޭނާ ލައިގެން ހުރި ސޯޓުގެ ޖީބުން ހުޑް މާސްކެއް ފެނިފައިވާއިރު، އެ ސަރަހައްދު އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި އިތުރު ދެ ބަޔޮނެޓް ވެސް ވަނީ ފެނިފައެވެ. މި ތަކެއްޗާއެކު އެމީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެއިތުރުން، މި މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ އިތުރު ފަސް މީހަކު ރޭގެ ވަގުތެއްގައި ހުޅުމާލޭގެ އެހެން ސަރަހައްދަކުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، މި މާރާމާރީ ހިންގަން އުޅުނު ސަބަބު ދެނެގަތުމަށާއި، މިކަމުގައި އިތުރު ބައެއްގެ ބައިވެރިވުން އޮތްތޯ ކަށަވަރުކުރުމަށް ތަޙުޤީޤު ދަނީ ފުޅާ ދާއިރާއެއްގައި ކުރިއަށެވެ. އަދި ހުޅުމާލޭގެ އަމަންއަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި މަގުމަތި ޕެޓްރޯލްކުރުމާއި ފާރަވެރިވުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.





