ގދ. ވާދޫގައި ބަހައްޓާފައި ހުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއަށް ގެއްލުންދީފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ރިޕޯޓްކޮށްފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ އޭޓީއެމަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު، ފައިސާ ޖަމާކުރާ ސްލޮޓްގެ ތެރެއަށް ވަނީ ފިހިގަނޑެއް ކޮއްޕާލައި ވައްދާފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރި ކަމެއް އަދި ސާފެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




