ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރުމަށް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރި މައްސަލައިގެ ހުކުމް އިއްވުން މިއަދު މެންދުރު ހައިކޯޓުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މި މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު 13:15 އަށެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޝާހިދު ހައްޔަރުކޮށް، 30 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައިވަނީ މި ހިނގާ މަހުގެ 2 ވަނަ ދުވަހުއެވެ. މި ނިންމުން ބަލައިނުގަނެ، ޝާހިދުގެ ފަރާތުން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 17 ވަނަ ދުވަހު ނިންމާލާފައިވާއިރު، މިއީ ކުޑަކުއްޖަކާ ގުޅޭ ނާޒުކު މައްސަލައަކަށް ވާތީ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ. މީގެއިތުރުން، މި މައްސަލައިގެ ތަހުގީގަށް ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މާލޭގައި ޝާހިދު ދިރިއުޅުއްވާ ގެވެސް ބަލައިފާސްކޮށްފައެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވައި ހުކުމް އިއްވަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އިސްމާއިލް ޝަފީއު، ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާ އަދި ފަނޑިޔާރު ފާތިމަތު ފަރްހީޒާއެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ އަބްދުﷲ ޝާހިދަކީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް މިހާރުވެސް ފާޅުގައި ކެމްޕެއިން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެގޮތުން ސިޔާސީ އެކި ހަރަކާތްތަކުގައި އެމަނިކުފާނު ފަހަކަށް އައިސް ގެންދެވީ އިސް ދައުރެއް އަދާކުރައްވަމުންނެވެ.
ޝާހިދަކީ ރާއްޖޭގެ ހާރިޖީ ދާއިރާއާއި، ގާނޫނު ހަދާ މަޖިލިސް ހިންގެވުމުގެ އިތުރުން ބައިނަލްއަގްވާމީ ލީޑާޝިޕްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ސިޔާސީ ބޭފުޅެކެވެ. ޖުލައި 1983 ގައި ހާރިޖީ ދާއިރާގެ އާދައިގެ ވަޒީފާއަކުން ހިދުމަތް ފެއްޓެވި ޝާހިދު ވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައިވެސް ސަރުކާރުގެ މުހިންމު މަގާމުތަކެއް ފުރުއްވައި، ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައެވެ.





