ފުޅާ ދާއިރާއެއްގައި ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގައި ހިމެނޭ ތިން މީހަކު، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފި އެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ ކައުންޓަރު ނާކޮޓިކްސް އިންޓެލިޖެންސާއި، ރ. މާކުރަތު އަދި އުނގޫފާރު ޕޮލިސް ސްޓޭޝަން ގުޅިގެން، ރ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށްޓަކައި ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާކުރަތަށް ނިސްބަތްވާ ތިން ފިރިހެނުންނެވެ. އެއީ:
- ތަލްހަތު ނަސީމް (40އ)، މަލަ / ރ. މާކުރަތު
- އަހްމަދު ޝާފިއު (23އ)، ފަލަކު / ރ. މާކުރަތު
- އިސްމާއީލް ރަޝީދު (46އ)، ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު
ފުލުހުން ބުނި ގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ޑިންގީއެއްގައި މާކުރަތަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް، އެ ރަށު ބަނދަރު ސަރަހައްދަށް ފޭބި ވަގުތުގަ އެވެ. އަދި އެ މީހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ކޮތަޅަކާއި، ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނުގައި 104 ގްރާމް ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަލްހަތު ނަސީމް 10 ދުވަހަށް އަދި އަހްމަދު ޝާފިއު އާއި އިސްމާޢީލް ރަޝީދު 4 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.





