ހުޅުމާލެ ޕޮލިހުން 2027 ވަނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވައިލުމަށް އަމާޒުކޮށްގެން ބާއްވާ "ހުޅުމާލެ ޕޮލިސް ފޯރަމް 2026" އިއްޔެ ރަސްމީކޮށް ފަށައިފި އެވެ. އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު ފޯރަމެ ކެވެ. މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝަމީ މެވެ.
މި ފޯރަމްގައި ހުޅުމާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ އާއި، ހާއްސަ ދައުވަތު އެރުވިގެން ބައިވެރިވެވަޑައިގެންނެވި ބައެއް ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ހުޅުމާލެ ޕޮލިސްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި މުވައްޒަފުން ދަނީ ބައިވެރިވަމުން ނެވެ. ފޯރަމްގެ މައިގަނޑު ބޭނުމަކީ ކުރިއަށް އޮތް އަހަރު ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ދެނެގަތުމާއި، ކޮންމެ ޔުނިޓަކުން އިސްކަންދޭންވީ ކަންކަން ސާފުކޮށް ބަޔާންކޮށްދިނު މެވެ.
ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް އަބްދުﷲ ވިދާޅުވީ، 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވައިލަންވާނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަ ށެވެ. އަދި މިއީ މަސައްކަތްތަކާމެދު ފުންކޮށް ވިސްނައި، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުސަތެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އޭގެ އިތުރުން، އަންނަ އަހަރުގެ އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު، އޮޕަރޭޝަނަލް ގޮތުން ނަތީޖާ ނެރެވޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން ކަންކަން ރޭވުމަށް އާސިމް އިރުޝާދު ދެއްވި އެވެ. އެގޮތުން މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކަށް ބެލުމުގެ އިތުރުން، ކުށްމަދުކުރުމާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާއި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރުކުރެވޭނެ ހަރަކާތްތައް ހިމެނުމަށް އޭނާ ވިދާޅުވި އެވެ.
އާސިމްގެ ވާހަކަފުޅު ނިންމަވާލައްވަމުން، ކަލަންޑަރުގައި ހިމެނޭ ކޮންމެ ކަމެއް ހިނގާނުހިނގާ ގޮތް ބެލުމާއި، ލިބޭ ނަތީޖާ ވަޒަންކުރުމުގެ ސާފު މޮނިޓަރިންގ އަދި އިވެލުއޭޝަން ނިޒާމެއް އޮންނަންޖެހޭނެކަން ހާމަކުރެއްވި އެވެ. މި ފޯރަމް ނިމިގެންދާއިރު، 2027 ވަނަ އަހަރަށް ހުޅުމާލެ ޕޮލިހުން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ފުރިހަމައަށް އެކުލަވައިލެވޭނެ ކަމަށް ފުލުހުންގެ ހިދުމަތުން އުއްމީދުކުރެ އެވެ.





