ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ) އިން އިންތިޒާމުކޮށްގެން އިންޑިއާގައި ބޭއްވި "އިންޓަރނޭޝަނަލް ކޯޕަރޭޝަން އިން އިކޮނޮމިކް އޮފެންސަސް" ވޯކްޝޮޕްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ދެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
މި މަހުގެ 16 އިން 18 އަށް ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ހިދުމަތް ތަމްސީލުކުރެއްވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު އަލީ އަދި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ވިޝާމްއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށް ހިންގާ އިގްތިސާދީ އަދި މާލީ ކުށްތައް ހުއްޓުވުމަށްޓަކައި، ސަރަހައްދީ ގައުމުތަކުގެ މެދުގައި އިލްމާއި ތަޖުރިބާ ހިއްސާކޮށް، އެންމެ ފުރިހަމަ އުސޫލުތައް ދެނެގަތުމެވެ. މީގެއިތުރުން، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އެކުލަވާލާފައިވާ މި އިއްތިހާދުގެ ދަށުން، ޑްރަގާއި އިންސާނީ ވަގުފާރި އަދި ރޭވިގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތަކާއި، ސައިބަރ ކުށްތައް ހުއްޓުވުމުގައި ގުޅިގެން މަސައްކަތްކުރުމަށް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.
އިގްތިސާދީ އަދި މާލީ ކުށްތަކަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ގައުމުތަކުގެ ބޯޑަރު ފަހަނައަޅައި ހިންގާ ކަންކަމަށް ވާތީ، މިފަދަ މައްސަލަތައް ތަހުގީގުކުރުމުގައި ގައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް ވަނީ ނިންމާފައެވެ. އަދި ތަހުގީގީ ދާއިރާއިން ގުޅުންތައް އިތުރަށް ބަދަހިކޮށް، މައުލޫމާތު ބަދަލުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރެވުނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ އޮފިސަރުން މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވުމަކީ، ސަރަހައްދީ އެހެން އިދާރާތަކުން ގެންގުޅޭ ޒަމާނީ އުކުޅުތަކާއި އުސޫލުތައް ދަސްކޮށް، ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ތަހުގީގުކުރުމުގައި ފުލުހުންގެ ގާބިލުކަން އިތުރުވެގެންދާނެ ކަމެކެވެ.





