ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ގައުމީ މަޝްރޫއުގެ ދަށުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކުރި 71 ރަށުގެ ތެރެއިން 50 ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.
ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީއާއި ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތްތައް އެޗްޑީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް މަސައްކަތް ނިމުނު 50 ރަށުގައިވެސް އައުޓްޑޯ ޖިމްތައް ގާއިމުކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ. މިއީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށާއި، އާންމު ރައްޔިތުންގެ މެދުގައި ކަސްރަތުކުރުމާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ މަގުސަދުގައި އެ ކޯޕަރޭޝަނުން ކާމިޔާބުކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.
ގައުމީ ފިޓްނަސް ޕްލޭނާ އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ސަރުކާރުގެ މި އަމާޒު ހާސިލުކުރުމަށްޓަކައި، ކަމާބެހޭ ވުޒާރާތަކާ ގުޅިގެން އެޗްޑީސީން ދަނީ މި މަޝްރޫއުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.
މި މަޝްރޫއުގެ ދަށުން ބާކީ ހުރި 21 ރަށުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ނިންމުމަށްޓަކައި ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ބައެއް ރަށްރަށަށް ބޭނުންވާ ޒަމާނީ ސާމާނު ފޯރުކޮށްދީ، އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.
މީގެއިތުރުން، މީގެ ކުރިން ގާއިމުކޮށްފައިވާ ޖިމްތަކުގެ ތެރެއިން މަރާމާތުކުރަންޖެހިފައިވާ ތަންތަން ދެނެގަނެ، އެ ތަންތަން މަރާމާތުކުރުމުގެ މަސައްކަތްވެސް އެޗްޑީސީން އަންނަނީ ކުރަމުންނެވެ. އެ ކޯޕަރޭޝަނުގެ އަމާޒަކީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަޝްރޫއުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމައި، ރައްޔިތުންނަށް މި ހިދުމަތް ފުރިހަމައަށް ފޯރުކޮށްދިނުމެވެ.





