ތަފާތު އެކި ދާއިރާތަކުން ގައުމުގެ ތަރައްގީއަށް ޒުވާނުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ "ޒުވާނުންގެ އިނާމު" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފި އެވެ.
އެ ވުޒާރާއިން ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، 2025 އިން 2026 އަށް ދިނުމަށް ހަމަޖެހިފައިވާ މި އިނާމު ޖުމްލަ 22 ދާއިރާއަކުން ދިނުމަށް ވަނީ ކަނޑައަޅާފަ އެވެ. މި އިނާމަކީ ގައުމީ ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް، މުޖުތަމައަށް ފައިދާހުރި، އުފެއްދުންތެރި އަދި ޒިންމާދާރު ބަޔަކަށް ޒުވާނުން ހެދުމަށް ބާރުއަޅައި ވާގިވެރިވުމުގެ މަގްސަދުގައި ދެވޭ ހާއްސަ އިނާމެކެވެ. އިނާމު ލިބޭ ފަރާތްތަކަށް ހާއްސަ އެވޯޑާއި ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މި އިނާމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 31 ޑިސެންބަރުގެ މެންދުރު 13:00 އެވެ. އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރުފަހު 14:00 އަށް ވެލާނާގޭގެ 3 ވަނަ ފަންގިފިލާގެ މެއިން ރިސެޕްޝަނުން ކުރިއަށްދާނެ އެވެ. މީގެއިތުރުން، އޮންލައިންކޮށް ގޫގުލް ލިންކު މެދުވެރިކޮށް ވެސް ފޯމު ލިބެން ހުންނާނެ އެވެ. އަދި ރަށްރަށުން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް info@sports.gov.mv މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިދީފަ އެވެ.
ޒުވާނުންގެ އިނާމު ދިނުމަށް ކަނޑައަޅާފައިވާ 22 ދާއިރާއަކީ:
- ވިޔަފާރި އާއި އިގްތިސާދު
- ކްރިއޭޓިވް އިކޮނޮމީ (ޓެކްނޮލޮޖީ އަދި ޑިޖިޓަލައިޒޭޝަން)
- އާޓްސް އެންޑް ކަލްޗަރ (ފަންނުވެރިކަމާއި ސަގާފަތް ދިރުވުން)
- މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުން
- ހުނަރުވެރި މަސައްކަތް ދަސްކޮށްދިނުން (ވޮކޭޝަނަލް ޓްރެއިނިންގ)
- ނަފްސާނީ ގޮތުން ދުޅަހެޔޮ ސިއްހަތެއް ބިނާކުރުމަށް މަސައްކަތްކުރުން
- ތިމާވެށި
- މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުން
- ނުކުޅެދުންތެރިކަން ހުންނަ މީހުން ބާރުވެރިކުރުވުމަށް މަސައްކަތްކުރުން
- ދިވެހިބަސް ކުރިއަރުވައި އާލާކުރުން
- ދިރާސާކުރުން އަދި އާ އުފެއްދުންތައް
- ޓޫރިޒަމް
- ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
- ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރުން
- ޒުވާނުންގެ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން
- އިސްލާމްދީން
- ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް މަސައްކަތްކުރުން
- ވޮލެންޓިއަރިޒަމް (ހިލޭސާބަހަށް މަސައްކަތްކުރުން)
- މަސްވެރިކަން
- ހަށިހެޔޮ ސިއްހަތެއް ބިނާކުރުން
- ދަނޑުވެރިކަން
- ޝަހީދު ޖަވާދު އުމަރުގެ ހަނދާނީ ފިލާ
ދިވެހިރާއްޖޭގައި ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެވެ. މިފަދަ އިނާމެއް ތައާރަފުކޮށް ކޮންމެ އަހަރަކު ވެސް ދެމުން ގެންދަނީ ޒުވާނުންގެ އަގު ވަޒަންކޮށް، ގައުމީ ހިދުމަތުގައި ދެމިތިބުމަށް އެ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.



