މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފެތުރިފައިވާ ދުންފުނީގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިއޮންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު، ފާއިތުވި ދެ ދުވަހުގެ ތެރޭގައި ވައިގެ ސާފުމިން އިތުރަށް ގޯސްވެ، ގިނަ ރަށްތަކެއްގެ ހާލަތު ސިއްހަތަށް ނުރައްކާވާ މިންވަރަށް ވެއްޓިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި މަހުގެ 21 ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކާ އަޅާބަލާއިރު، މިއަދު ރާއްޖޭގެ ވައި ނުސާފު މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން ރަތް ސަމާލު ނެރެފައިވަނީ ހަމައެކަނި ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ކ. ވިލިނގިލި އަދި މާލެ ސަރަހައްދަށް ނަމަވެސް، މިއަދު ދ. ކުޑަހުވަދޫ އާއި ލ. ގަމުގެ ވައިގެ ކޮލިޓީވެސް ވަނީ މެދުމިނުން ގޮސް ރަތް ސަމާލުގެ ދަރަޖައަށް ދަށްވެފަ އެވެ.
މީގެ އިތުރުން، 21 ވަނަ ދުވަހު ވައިގެ ކޮލިޓީ މެދުމިނުގައި ހުރި ދެކުނުގެ ދެ ސިޓީ ކަމަށްވާ ފުވައްމުލައް އަދި އައްޑޫ ސިޓީގެ ވައިގެ ހާލަތުވެސް މިއަދު ވަނީ، ސިއްހީ ގޮތުން ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް ނުރައްކާވާ މިންވަރު ކަމަށްވާ އޮރެންޖް ސަމާލުގެ ދަރަޖައަށް ވެއްޓިފަ އެވެ.
ވައި ނުސާފު މިންވަރު ރަތް ސަމާލުގެ ދަރަޖައަށް އަރާފައިވާތީ، ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ އިތުރުން އާންމު ރައްޔިތުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެހެންކަމުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ހަރަކާތްތައް ވަގުތީ ގޮތުން މެދުކަނޑާލުމަށް އެ އެޖެންސީން ވަނީ އިރުޝާދު ދީފަ އެވެ.
އަދި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އެން95 ނުވަތަ އެފަދަ ރައްކާތެރި މާސްކެއް އެޅުމަށާއި، ގޭތެރެއަށް ނުސާފު ވައި ވަނުން ހުއްޓުވުމަށް ދޮރުތަކާއި ކުޑަދޮރުތައް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެ އިތުރުން، ފަސޭހައިން ލިބެން ހުރި ނަމަ ގޭތެރޭގައި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށްވެސް އިރުޝާދު ދީފައިވެ އެވެ.
ރާއްޖޭގެ ވައިގެ ސާފުމިން ވަގުތުން ވަގުތަށް ބަލައިލުމަށްޓަކައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ ވެބްސައިޓުގައިވާ 'އައިކިއުއެއާ' ލިންކު މެދުވެރިކޮށް ނުވަތަ 'އައިކިއުއެއާ ވިޝުއަލް' އެޕްލިކޭޝަން ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.







