މިއަދު ކުރަމުންދާ ވިއްސާރައިގައި ޅ. ހިންނަވަރަށް ބޯކޮށް ވާރޭވެހި، މުޅި ރަށުގައި ފެންބޮޑުވެ އާންމުންގެ ގެތަކަށް ފެންވަންނަން ފަށައިފިއެވެ.
މި ހާދިސާއާ ގުޅިގެން ގެތަކަށް ފެންވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ރަށު ކައުންސިލްގެ އިސްނެގުމުގެ ދަށުން ޕަންޕެއްގެ އެހީގައި ރަށުތެރޭގައި ހެދިފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ނަމަވެސް، ފެންހިއްކުމަށް ބޭނުންކުރާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޕަންޕުތައް ހަލާކުވެފައި ހުރުމާއެކު، ފެންހިއްކުމުގެ މަސައްކަތަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިވެފައެވެ. އެހެންކަމުން، މި ހާލަތުން އަރައިގަތުމަށާއި ފެންހިއްކުމުގެ މަސައްކަތް ހަލުވިކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ އެހީތެރިކަމަށް މިހާރު ވަނީ އެދިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު މެންދުރުފަހު 14:00 އިން އިރުއޮއްސި 18:00 އާ ހަމައަށް ށ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި ޅ. އަތޮޅު ހިމެނޭހެން މި ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން، މޫސުން ގޯސްވެ ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންދާތީ، ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.







