ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ހއ. ދިއްދޫގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދު "ނޫރައްދީން" އަށް ޒިޔާރަތްކުރުމުގެ ހާއްސަ ފުރުސަތެއް މިއަދު ހެނދުނު އެ ރަށުގެ ބަނދަރު ސަރަހައްދުގައި އާންމުންނަށް ހުޅުވާލައިފިއެވެ.
މި ޙަރަކާތަކީ ސިފައިންނާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ނަސްރުގެ ދުވަހުގެ ޝަހީދުންގެ ޒިކުރާ އައުކޮށް، ގައުމީ ފަޚުރާއި އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ މަގްސަދުގައި ބޭއްވުނު ޙަރަކާތެކެވެ. މީގެއިތުރުން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި ދިވެހި އަބްތާލުން ވެވަޑައިގެންނެވި މަތިވެރި ގުރުބާނީގެ އަގު ވަޒަންކުރުމަކީވެސް މި ހަރަކާތުގެ މުހިންމު ބޭނުމެކެވެ.
މި ޒިޔާރަތުގެ ތެރެއިން، ކޯސްޓްގާޑް "ނޫރައްދީން" ގައި ހިދުމަތްކުރާ ސިފައިން ވަނީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު މައުލޫމާތުތައް ދިއްދޫގެ ރައްޔިތުންނާ ހިއްސާކޮށް، ކޯސްޓްގާޑުގެ އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް އޮޅުންފިލުވައިދީފައެވެ. އަދި ކަނޑުމަތީގެ އެކިއެކި ހާދިސާތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތައް ދައްކާލުމުގެ އިތުރުން، އެ ތަކެއްޗާއެކު ހަނދާނީ ފޮޓޯ ނެގުމުގެ ފުރުސަތުވެސް ޒިޔާރަތްކުރި ފަރާތްތަކަށް ވަނީ ފަހިކޮށްދީފައެވެ.
ނަސްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިއްދޫގައި ގިނަ ޙަރަކާތްތަކެއް އިންތިޒާމުކޮށްފައިވާއިރު، 1988 ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާގެ މަންޒަރުތަކާއި އެ ތާރީހީ ހާދިސާ ދައްކުވައިދޭ ފޮޓޯ މައުރަޒެއް އިއްޔެއާއި މިއަދު އެ ރަށުގައި ވަނީ ބާއްވާފައެވެ. މީގެއިތުރުން، ސިފައިންގެ ގާބިލުކަމާއި ހުނަރުވެރިކަން ދައްކުވައިދޭ ހާއްސަ މިލިޓަރީ ޑިސްޕްލޭއެއް މިއަދު ހަވީރު ދިއްދޫގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.




