ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި އިންޓަނޭޝަނަލް ޑިސްޓްރިކްޓެއް ހިމެނުނު ނަމަވެސް، އެ ފަރާތްތަކަށް މައުރަޒުގެ ވާދަކުރުމުގެ ބައިގައި ބައިވެރިނުވެވޭނެ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ވިދާޅުވި ގޮތުގައި މައުރަޒުގެ ވާދަކުރުމުގެ ބަޔަކީ ހަމައެކަނި ދިވެހިންނަށް އެކަނި ބައިވެރިވެވޭ ގޮތަށް ހާއްސ ކުރެވިގެން ދެވޭ ވަކި ބައެކެވެ.
މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި އިތުރު ދެ ޑިސްޓްރިކްޓާއެކު ޖުމުލަ ހަތް ޑިސްޓްރިކްޓެއް ފެނިގެންދާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ވިޒިޓަރ އިކޮނުމީ ޑިސްޓްރިކްޓާއި، ބޭރުގެ އުފެއްދުންތައް ދައްކާލުމަށް ހާއްސަކޮށްފައިވާ އިންޓަނޭޝަނަލް ޑިސްޓްރިކްޓް ހިމެނެއެވެ. ޕީއެސްއެމް ނިއުސްގެ ކައުންޑައުން ޝޯގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަބްދުﷲ ޝިޔާޒް މިދިޔަ އަހަރުގެ މައުރަޒުގައިވެސް ބައިނަލްއަގުވާމީ ކުންފުނިތައް ބައިވެރިކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މިއަހަރުގެ މައުރަޒުގައި ބޭރުގެ ފަރާތްތަކަށް ވަކި ހާއްސަ ޑިސްޓްރިކްޓެއް ކަނޑައެޅީ ދިވެހީންގެ އުފެއްދުންތެރިކަން ބާރުވެރިކޮށް އައު ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައެވެ. މީގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ އުފެއްދުންތެރިންނާއި ދިވެހި އުފެއްދުންތެރިންނާ ދެމެދު ގުޅުން ގާއިމުކޮށް، ދިވެހިންނަށް އައު ހިޔާލުތައް ލިބި، އުފެއްދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދައިދިނުމުގެ ފާލަމެއް ގާއިމުކުރުމެވެ.
މި އިންޓަނޭޝަނަލް ޑިސްޓްރިކްޓުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގައި ބޮޑު ރޯލެއް އަދާކުރާ ކުންފުނިތަކުގެ އިތުރުން، އިންޑިއާ، ޗައިނާ އަދި ޔޫއޭއީގެ ބައެއް ކުންފުނިތަކުންވެސް ބައިވެރިވާނެއެވެ. މިއީ ދިވެހީންގެ މައުރަޒަކަށްވާތީ އެފަރާތްތަކަށް މުބާރާތުގައި ވާދައެއް ނުކުރެވޭނެއެވެ. ނަމަވެސް މިއީ ދިވެހި އުފެއްދުންތެރިންގެ ކުރިއެރުމަށް ބޭރުގެ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށް މަގުފަހިކޮށްދިނުމަށް ނިންމާފައިވާ ކަމެކެވެ.
މި ޑިސްޓްރިކްޓުން އެންމެ ބޮޑަށް ފެނިގެންދާނީ ޓެކްނޮލޮޖީގެ އައު އީޖާދުތައް ކަމަށްވާތީ، މީގެ ސަބަބުން ރާއްޖޭގެ ޑިޖިޓަލް އަދި ޓެކްނޮލޮޖީގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ. އެހެންކަމުން މިއީ ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ކުރިއެރުންތައް ދެނެގަތުމަށް ލިބިގެންދާނެ މުހިންމު ފުރުސަތެކެވެ.






