ހުޅުމާލޭގައި ހުރި އެއްމެދު އިމާރާތްތަކުގެ އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ ހާއްސަ މަޝްރޫއުގެ ތެރެއިން މިހާތަނަށް 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށް ނިންމާލައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއި ލަފާފުޅުގެ މަތިން ސެޕްޓެންބަރު 3 ވަނަ ދުވަހު އެޗްޑީސީން ފެށި މި މަސައްކަތަކީ، ހުޅުމާލޭގެ ފްލެޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިންތައް ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭތޯ ބަލައި، އިމާރާތްތަކުގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.
މި މަޝްރޫއުގެ ދަށުން ރެއިލިން ހަރުކުރުމަށް އެޗްޑީސީގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމުން، ޖުމްލަ 1,011 އެޕާޓްމަންޓަކުން ވަނީ އެހީތެރިކަމަށް އެދިފައެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މިހާތަނަށް ނިމުނު 220 އެޕާޓްމަންޓުގެ ތެރެއިން 273 ކުޑަދޮރެއްގައި ވަނީ ރެއިލިން ހަރުކޮށްދީފައެވެ. އަދި އެހީއަށް އެދިފައިވާ ބާކީ ހުރި އެޕާޓްމަންޓްތަކުގެ މަސައްކަތްވެސް ހުއްޓުމެއްނެތް ގޮތެއްގައި އަންނަނީ ކުރަމުންނެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އާންމު ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިއީ އާންމުންގެ ރައްކާތެރިކަމަށް ދެވޭ އިސްކަމުގެ ބޮޑު ހެއްކެކެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.






