ހުޅުމާލޭ ރަށުމާރުކޭޓުން 9 ގޮޅިއެއް ކުއްޔަށް ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިޢުލާނުކޮށްފިއެވެ. އެ ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ގޮޅިތައް ހިންގާނެ ފަރާތްތައް ހޮވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކުގެ މެދުގައި ނެގޭ ޚާއްޞަ ގުރުއަތަކުންނެވެ.
މި ފުރުޞަތަށް އެދި ހުށަހެޅުމުގެ މުއްދަތު މިއަދު ހެނދުނު 8:30 އިން ފެށިގެން މި ހިނގާ މަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 15:30 އާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން އެޗްޑީސީގެ ޚާއްޞަ އޮންލައިން ޕޯޓަލް މެދުވެރިކޮށް (https://www.hdc.mv/sales/application-forms) ފޯމު ހުށަހެޅުއްވުމަށް އެދިވަޑައިގަންނަވައެވެ. އަދި ޝަރުޠުހަމަވާ ފަރާތްތަކުގެ މެދުގައި ބާއްވާ ގުރުއަތުލުން އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 13:00 ގައި، އެޗްޑީސީގެ އޮފީސް ޢިމާރާތުގެ ފުރަގަހުން، އެ ޢިމާރާތާއި ފްލެޓް 12 އާ ދެމެދުގައިވާ ހުސްބިމުގައި ޖަހާފައިވާ ޓެންޓުގައެވެ.
އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ ތަފްޞީލު މަޢުލޫމާތު ކަރުދާސް އެޗްޑީސީގެ ވެބްސައިޓުން (https://properties.hdc.mv/) ލިބިވަޑައިގަންނަވާނެއެވެ. މީގެއިތުރުން، މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ އެ ކޯޕަރޭޝަނުގެ ހޮޓްލައިން ނަންބަރު 1516 އާ ގުޅުއްވުމަށް އެޗްޑީސީން އެދިވަޑައިގަންނަވައެވެ.




