ބަލިވެގެން އޮފީހަށް ނުދެވުމުން ނުވަތަ 'ސިކް ލީވް' ނަގާއިރު، ހަގީގަތުގައި ވެސް ބަލިކޮށް ހުރެ، ކުށްވެރިވާ ކަހަލަ ނުވަތަ ކުށެއް ކުރެވުނު ކަމުގެ އިހުސާސެއް ކުރެވޭ ހެއްޔެވެ؟ ނަފުސާނީ މާހިރުން ފާހަގަކުރާގޮތުގައި، މިފަދަ އިހުސާސުތަކެއްގެ ފަހަތުގައިވަނީ މަސައްކަތަށް ހުންނަ ފަރުވާކުޑަކަމެއް ނޫނެވެ. އެއީ މައިގަނޑުގޮތެއްގައި އޮފީހުގެ މާހައުލާއި، ވަޒީފާއާ މެދު ދެކޭ ގޮތް އަދި އަމިއްލަ ޝަހުސިއްޔަތު ވަޒީފާއާ ގުޅިފައިވާ މިންވަރުގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.

އަންހެނަކު އިށީނދެލައިގެން - "ސިކް ލީވް" ނަގާއިރު ކުށްވެރިވާހެން ހީވަނީ އޮފީހުގެ މާހައުލުންތަ؟
ކުށްވެރިވާ ކަހަލަ އިހުސާސުތައް ކުރެވޭ ސަބަބު
ދިރާސާތަކުން ދައްކާ ގޮތުގައި، އިނގިރޭސިވިލާތުގެ މަސައްކަތްތެރިންގެ ތެރެއިން ތިންބައިކުޅަ އެއްބަޔާއި ދެބައިކުޅަ އެއްބަޔާ ދެމެދުގެ އަދަދަކަށް މީހުން، ބަލިކޮށް ތިބެ ވެސް މަސައްކަތްކުރަމުން ގެންދެއެވެ. މިއީ "ޕްރެޒެންޓީޒަމް" ގެ ގޮތުގައި ސިފަކުރާ ކަންތައްތަކެކެވެ.
ޒުވާނުންނަކީ މާ ގިނައިން ބަލިވެގެން ޗުއްޓީ ނަގާ ބައެއް ކަމަށް އާންމުކޮށް ގަބޫލުކުރެވުނު ނަމަވެސް، އިނގިރޭސީވިލާތުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކަނީ މުޅިން އެހެން މަންޒަރެކެވެ. ޔޫކޭ ތަފާސްހިސާބާ ބެހޭ އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، 16 އަދި 24 އަހަރާ ދެމެދުގެ އުމުރުފުރައިގެ ޒުވާނުން ފާއިތުވި އަހަރު އެވްރެޖްކޮށް ހޭދަކޮށްފައިވަނީ އެންމެ 2.4 ސިކް ލީވް ދުވަހުއެވެ. ނަމަވެސް، 50 އާއި 64 އަހަރާ ދެމެދުގެ އުމުރުފުރައިގެ މީހުންގެ މެދުގައި މި އަދަދު ވަނީ 6.2 ދުވަހަށް އަރާފައެވެ.
މެންޗެސްޓަރ ޔުނިވާސިޓީގެ ނަފުސާނީ މާހިރު ޕްރޮފެސަރު ސަރ ކެރީ ކޫޕަރ ބަޔާންކުރައްވާފައިވާ ގޮތުގައި، ޒުވާނުން އާންމު ސިއްހަތުގެ ބައެއްގެ ގޮތުގައި ނަފުސާނީ ދުޅަހެޔޮކަމަށް އިތުރަށް ސަމާލުކަންދެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ދިގު މުއްދަތަކަށް ދެމިގެންދާ ސިއްހީ މައްސަލަތައް ހުރުމުގެ ފުރުސަތު ބޮޑުވުމަކީ ވެސް ބަލިވެގެން ޗުއްޓީ ނަގާ މިންވަރު އިތުރުވާ ސަބަބެކެވެ.
ރިޕޯޓުތަކުން ދައްކާގޮތުގައި، އަމިއްލަ ޝަހުސިއްޔަތާއި ވަޒީފާއާ ވަރަށް ބޮޑަށް ގުޅުވާލައިގެން ތިބޭ މީހުންނަށް، ބަލިވެގެން ގޭގައި މަޑުކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަފުސާނީ މާހިރު ޑރ. އޮޑްރީ ޓޭންގ މިކަން ސިފަކުރައްވަނީ "ވަރކް ސެންޓްރަލިޓީ" ގެ ގޮތުގައެވެ. މިއީ މީހެއްގެ އަމިއްލަވަންތަކަމުގެ ތެރޭގައި މަސައްކަތް ހިމެނޭ މިންވަރެވެ. މިފަދަ މީހުންނަށް ޗުއްޓީއެއް ނެގުމަކީ، އަމިއްލަ ނަފުސުގެ މުހިންމު ބަޔަކާ ވަގުތީގޮތުން ދުރަށްޖެހިލުން ކަމުގައި ދެކެވި، ނުތަނަވަސްކަން ވެރިވާ ކަމެކެވެ. މީގެ އިތުރުން، އެހެން މީހުންގެ ނަޒަރުގައި ބަލިކަށި ނުވަތަ ކަންނެއް މީހެއްގެ ގޮތުގައި ސިފަވެދާނެ ކަމުގެ ބިރު ހީވުމަކީ، ހާއްސަކޮށް ޕްރޮފެޝަނަލް ދާއިރާއެއްގައި އަލަށް ފައިތިލަ ސާބިތުކުރަމުން އަންނަ ޒުވާނުންނަށް ބޮޑު ގޮންޖެހުމެކެވެ.
މަސައްކަތްކުރާ އޮފީހުގެ މާހައުލަކީ ވެސް މައްސަލައިގެ ބަޔަކަށް ވެދާނެ
މުވައްޒަފުންގެ ސިއްހީ ޗުއްޓީތަކާ މެދު ދެކޭގޮތް ކަނޑައެޅުމުގައި އޮފީހުގެ މާހައުލާއި ސަގާފަތުގެ ދައުރު ބޮޑެވެ. ނަފުސާނީ މާހިރު ޑރ. ތާރާ ކުއިން-ސިރިލޯ ވިދާޅުވާ ގޮތުގައި، އޮފީހުގައި މުވައްޒަފުން މަދުވެފައި ތިބޭ ވަގުތުތަކުގައި ޗުއްޓީއަކަށް ދިޔުމުން އެހެން މުވައްޒަފުންނަށް މަސައްކަތް ބުރަވާނެތީ، މުވައްޒަފުންނަށް ކުށްވެރިވާ ކަހަލަ އިހުސާސުތައް ކުރެވެއެވެ. ބައެއް އޮފީސްތަކުގައި، ބަލިކޮށް ތިބެގެން ވެސް މަސައްކަތްކޮށް ކުރިއަށްދާ މީހުންނަށް ތައުރީފުކޮށް، ސިއްހަތަށްވުރެ އުފެއްދުންތެރިކަމަށް މާ ބޮޑަށް އިސްކަންދޭ "ކެރީ-އޮން ކަލްޗަރ" ނުވަތަ ކުރިއަށްދިއުމުގެ ސަގާފަތެއް އުފެދިފައިވެއެވެ. އަދި ބަލިވެގެން ނަގާ ޗުއްޓީތަކާމެދު ސުވާލު އުފެއްދުމާއި ނުވަތަ އެކަން ނުރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ނަމަ، މުވައްޒަފުން ހަގީގަތުގައި ވެސް ބަލިވެގެން ޗުއްޓީ ނަގަން ޖެހިލުންވެއެވެ. ސިއްހަތަށް ފައިދާހުރި ރަނގަޅު އޮފީސް މާހައުލެއްގައި، މުވައްޒަފުންނަށް އެ މީހުންގެ ސިއްހީ ހާލަތާ ބެހޭގޮތުން ހާމަކަން ބޮޑުކޮށް ވާހަކަދެއްކޭނެ މަގު ފަހިވެފައި އޮންނަންވާނެ ކަމަށް ކުއިން-ސިރިލޯ އިރުޝާދުދެއްވައެވެ.

ގޭގައި މަޑުކުރަންވީ ކޮން އިރަކު؟
ބޭރުގެ މާހިރުން ފާހަގަކުރާގޮތުގައި، ބައެއް ބަލިތަކަކީ ގެއިން ބޭރަށް ނުކުމެ އޮފީހަށް ދިއުން އެކަށީގެން ނުވާ، ސާފުކޮށް އެނގެން އޮންނަ ބަލިތަކެވެ. އެގޮތުން، ހޮޑުލެވުން ނުވަތަ ބޭރަށް ހިންގުން ހުއްޓޭތާ މަދުވެގެން 48 ގަޑިއިރު ވަންދެން އަދި ހުން އައުން ރަނގަޅުވާތާ މަދުވެގެން 24 ގަޑިއިރު ވަންދެން ގޭގައި މަޑުކޮށް އަރާމުކުރުން މުހިންމެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު، ގޭގައި ތިބެގެން މަސައްކަތްކުރުން އާންމުވެފައި ވީނަމަވެސް، ކެއްސުމާއި ރޯގާ ޖެހުން ފަދަ ކަންކަމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުން ބައެއް ފަހަރު އުނދަގޫވެދާނެއެވެ. ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ސަމާލުކަންދޭންޖެހޭކަން ފާހަގަކުރައްވައި ޑރ. ޓޭންގ ވިދާޅުވީ، "ތިޔަ ހުންނަނީ ބަލިވެ، މަސައްކަތް ކުރެވޭ ހާލަތުގައި ނޫން ކަމަށްވާނަމަ، އެއީ މަސައްކަތް ނުކުރެވޭނެ ހާލަތެއް" ކަމަށެވެ. މީގެ އިތުރުން، މަސައްކަތް ކުރުމުގެ ޖިސްމާނީ ނުވަތަ ނަފުސާނީ ގާބިލުކަން ހުރިތޯ މުވައްޒަފުން އަމިއްލައަށް ވަޒަންކޮށްލަންޖެހެއެވެ. ރަނގަޅަށް ނުނިދި، މަސައްކަތުން ސިކުނޑި ދުރުކޮށްލަން ނުކުޅެދުން، ނުވަތަ އަމިއްލަ ޒަރޫރީ ކަންކަން ކުރުމަށް ވެސް ދަތިވުން ފަދަ ކަންކަމަކީ ސިއްހީ ގޮތުން އަރާމުކުރަންޖެހިފައިވާކަން އަންގައިދޭ މުހިންމު ނިޝާންތަކެކެވެ.
މާހިރުން ވިދާޅުވާ ގޮތުގައި، ބަލިވެގެން ޗުއްޓީއެއް ނެގުމަކީ މަސައްކަތަށް ހުންނަ ޝައުގުވެރިކަން ކުޑަވުމުގެ ނިޝާނެއް ނޫނެވެ. އެއީ ހަމައެކަނި ތިމާ ބަލިވެ އުޅޭކަމުގެ ހަގީގަތެވެ.









