ޒަމާނީ ދިރިއުޅުމުގެ އާދަކާދަތަކުގެ ސަބަބުން އަތްތިލައިގެ ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ކުރިމަތިވުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވައިފިއެވެ.
ޓައިޕްކުރުމާއި، ލިޔުމުގެ އިތުރުން އަތްތިލަ ތަކުރާރުކޮށް އެއްގޮތަކަށް ހަރަކާތްކުރަންޖެހޭ އާންމު ދިރިއުޅުމުގެ ކަންކަމުގެ ސަބަބުން ކުޑަހުޅަށް ބާރުބޮޑުވެ، ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭކަން މާހިރުން ފާހަގަކުރައްވައެވެ. ހާއްސަކޮށް، ޒުވާން އުމުރުގައި ކުޑަހުޅަށް ލިބޭ އަނިޔާތަކުގެ ސަބަބުން، އަހަރުތަކެއް ފަހުން ހުޅުތަކުގައި ރިއްސުމާއި އާތުރައިޓިސް (އޮސްޓިއޯއާތުރައިޓިސް އަދި ޕޯސްޓް-ޓްރޯމެޓިކް އާތުރައިޓިސް) ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ.

ޓައިޕްކުރުމާއި ލިޔުން ފަދަ އާންމު ދިރިއުޅުމުގެ ކަންކަމުން އަތްތިލައިގެ ކުޑަހުޅަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ލިބޭކަން ސިއްހީ މާހިރުން ބުނޭ.
އަތްތިލައިގެ ކުޑަހުޅަކީ ގިނަ އަދަދެއްގެ ކުދި ކަށިތަކާއި، ހުޅުތަކާއި، ލިގަމެންޓްތައް އެކުލެވިގެންވާ، އަތުގެ ފްލެކްސިބިލިޓީއާއި ބާރު ދަމަހައްޓައިދޭ މުހިންމު ބައެކެވެ. ނަމަވެސް، އުމުރުން ދުވަސްވުމާއި، ލިބޭ އަނިޔާތަކުގެ އިތުރުން ތަކުރާރުކޮށް ކުރެވޭ ހަރަކާތްތަކުގެ ސަބަބުން ހުޅު ހަލާކުވުމަށް މަގުފަހިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގަދައަށް ރިއްސައި، އާންމު ދިރިއުޅުމުގެ ކަންކަން ކުރުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެއެވެ.
ކުޑަހުޅު ރައްކާތެރިކުރުމަށް، ކޮނޑާއި އަތުގެ މަސްތައް ވަރުގަދަކުރުމަށް މާހިރުން އިރުޝާދުދެއެވެ. އަދި އަތްތިލައިގެ ހިފެހެއްޓުން (ގްރިޕް) ވަރުގަދަކުރާ ކަސްރަތުތަކުގެ އިތުރުން، އަތްތިލަ ކުރިއަށާއި ފަހަތަށް ލެންބުމާއި އެކި ފަރާތްފަރާތަށް އެނބުރުމުގެ ކަސްރަތުތައް ކުރުމަކީ ހުޅުގެ ފްލެކްސިބިލިޓީއާއި ބާރު ދަމަހައްޓަން އެހީތެރިވެދޭނެ ކަންކަމެވެ.
ކަށިތަކުގެ ސިއްހަތު ދެމެހެއްޓުމަށްޓަކައި ކެލްސިއަމް އެކުލެވޭ ކާނާ ބޭނުންކުރުމާއެކު ގަވާއިދުން ކަސްރަތުކުރުން މުހިންމެވެ. މީގެ އިތުރުން، ކުރިން އަނިޔާއެއް ލިބިފައިވާ ނުވަތަ ސިއްހީ އެހެން ތަކުލީފެއް ހުރި މީހަކު އާ ކަސްރަތެއް ފެށުމުގެ ކުރިން ޑޮކްޓަރެއްގެ މަޝްވަރާ ހޯދުމަށާއި، ކަސްރަތުގެ ތެރޭގައި ތަދެއް އިހުސާސްކުރެވިއްޖެނަމަ ވަގުތުން ތަމްރީނުތައް ހުއްޓާލުމަށް ސިއްހީ މާހިރުން އިރުޝާދުދެއްވައެވެ.









