ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހިންގަމުން އައި ހުރިހާ މަޝްރޫއުތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ރަސްމީކޮށް ބަދަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ސަރުކާރުން އެމްޓީސީސީގެ ދަށަށް އާރުޑީސީ ގެނައުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް، އެ ކުންފުނީގެ އެންމެހައި މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ އެމްޓީސީސީގެ ސީދާ ބެލުމުގެ ދަށުން ކަމަށެވެ. އެހެންކަމުން މީގެ ކުރިން އާރުޑީސީން ކުރިއަށް ގެންދިޔަ އެންމެހައި މަސައްކަތްތައް ދެން ކުރިއަށް ގެންދާނީ އެމްޓީސީސީން ކަމަށާއި، އެ މަޝްރޫއުތަކުގެ އެންމެހާ ޒިންމާތައް އުފުލާނީ ވެސް އެ ކުންފުނިން ކަމުގައި އެ އިއުލާނުގައި ވަނީ ފާހަގަކޮށްފައެވެ.
މި ބަދަލަކީ ސަރުކާރުގެ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ސިޔާސަތުގެ ދަށުން ގެނައި މުހިންމު ބަދަލެކެވެ. އެގޮތުން އެއް ބާވަތެއްގެ މަސައްކަތްތަކެއް ދެ ކުންފުންޏަކުން ކުރުމުގެ ބަދަލުގައި، ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ތަރައްގީގެ މަޝްރޫއުތައް މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމުގެ މަގުސޫދުގައި، އާރުޑީސީ އުވާލައި އެމްޓީސީސީއާ އެއްކޮށްލަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ 7 ސެޕްޓެމްބަރު 2026 ގައެވެ.
މި ނިންމެވުމާ ގުޅިގެން ކުންފުނީގެ މެނޭޖްމަންޓަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 15 އޮކްޓޯބަރު 2026 ގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމް މަގާމުން ވަކިކުރައްވައި، އެ ކުންފުނި ހިންގުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައުދީއާ ހަވާލުކުރައްވާފައެވެ.
މި ބަދަލާއެކު، އާރުޑީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދިޔަ 279 މަޝްރޫއެއް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ އެންމެ ފަހުގެ އިދާރީ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މީގެ ތެރޭގައި ރަށްރަށުގެ މަގު ހެދުމުގެ ގިނަ މަޝްރޫއުތަކާއި ސިއްހީ ދާއިރާއާ ގުޅުންހުރި ބައެއް މަޝްރޫއުތައް ވެސް ހިމެނެއެވެ.
މަޝްރޫއުތަކުގެ އިތުރުން، އާރުޑީސީގައި ވަޒީފާ އަދާކުރަމުންދާ ގާތްގަނޑަކަށް 3,500 އާއި 4,000 އާ ދެމެދުގެ އަދަދެއްގެ މުވައްޒަފުން އެމްޓީސީސީގެ އޮނިގަނޑުގެ ތެރެއަށް ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރެވެމުންނެވެ. މި ބަދަލު ގެނައި ނަމަވެސް، އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެ ކަމަށާއި އެއްވެސް މީހަކު ބާކީ ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ރައީސް ޑރ. މުއިއްޒު ނިންމަވާފައިވާ ސިޔާސަތުގެ ދަށުން، އާރުޑީސީ އެމްޓީސީސީއާ އެއްކޮށްލުމުގެ އިތުރުން، ސްޓެލްކޯގެ ދަށަށް ފެނަކަ ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ވެސް މިހާރު ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.




