ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް އާންމު ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް، ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ގެނެސްދީފައިވާކަން އެ ކުންފުނިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްޓީސީސީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، 2024 ވަނަ އަހަރު 16.08 މިލިއަން ފަސިންޖަރުން އަދި 2025 ވަނަ އަހަރު 16.25 މިލިއަން ފަސިންޖަރުން އެ ކުންފުނީގެ ދަތުރުފަތުރުގެ ހިދުމަތް ހޯދާފައިވެއެވެ. އަދި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 14.10 މިލިއަން ފަސިންޖަރުން ދަތުރުކޮށްފައިވާއިރު، މިއަހަރު ނިމޭއިރު އެ އަދަދު 16 މިލިއަނަށްވުރެ މައްޗަށް އަރާނެކަމަށް އެ ކުންފުނިން ލަފާކުރެއެވެ.
ކަނޑުދަތުރުފަތުރުގެ ނިޒާމަށް އައި ބޮޑު އިންގިލާބު
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ފާއިތުވި ތިން އަހަރުގެ ތެރޭގައި ވަނީ އިތުރު 7 އަތޮޅަކަށް ފުޅާކޮށްފައެވެ. އޭގެ ތެރޭގައި ނ. އަތޮޅުގެ 13 ރަށް، ރ. އަތޮޅުގެ 16 ރަށް، ބ. އަތޮޅުގެ 13 ރަށް، ތ. އަތޮޅުގެ 13 ރަށް، ލ. އަތޮޅުގެ 12 ރަށް، ދ. އަތޮޅުގެ 7 ރަށް އަދި ފ. އަތޮޅުގެ 5 ރަށް ހިމެނެއެވެ. މިއާއެކު ޖުމްލަ 79 ރަށެއްގައި އަލަށް ހިދުމަތް ފަށައި، 20 އާ ރޫޓެއް ވަނީ ތައާރަފުކޮށްފައެވެ. މިހާރު ރާއްޖޭގެ 15 އަތޮޅެއްގެ 144 ރަށަށް އާރްޓީއެލް ފެރީގެ ހިދުމަތް ލިބެމުންދެއެވެ.
އެއްގަމު ދަތުރުފަތުރާއި މާލެ ޓެކްސީ ލައިން
އާރްޓީއެލް ބަހުގެ ހިދުމަތަށް ބަލާއިރު، ވޭތުވެދިޔަ ތިން އަހަރުތެރޭގައި ރ. ދުވާފަރު އަދި ނ. ކެނދިކުޅުދޫގައި ވަނީ އަލަށް ހިދުމަތް ފަށާފައެވެ. އަދި މިހާރު މުޅި ރާއްޖޭގެ 7 އަތޮޅެއްގެ 14 ރަށެއްގައި އާރްޓީއެލް ބަހުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
ހަމައެހެންމެ، ސަރުކާރުގެ ހާއްސަ ސިޔާސަތެއްގެ ދަށުން އެމްޓީސީސީއާ ހަވާލުކުރެވުނު 'މާލެ ޓެކްސީ ލައިން' ގެ ހިދުމަތް ވަނީ ތިމާވެއްޓާ ރައްޓެހި 150 އިލެކްޓްރިކް ވެހިކަލް އާއެކު ފަށާފައެވެ. މިއަހަރުގެ އޭޕްރީލް މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ނިޔަލަށް މި ހިދުމަތުން 215,960 ދަތުރު ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވެއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ދިވެހި ކޮންމެ ރައްޔިތަކަށްވެސް އިތުބާރުހުރި، ފަސޭހަ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމެވެ.




