ރާއްޖޭގެ 8 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި މަޝްރޫއުގެ ދަށުން ތާރުއަޅައި މަގުހެދުމަށް ހަމަޖެހިފައިވާ 8 ރަށަކީ:
- ރ. އަނގޮޅިތީމު: 3.11 ކިލޯމީޓަރުގެ 10 މަގު
- ބ. ކަމަދޫ: 3.79 ކިލޯމީޓަރުގެ 12 މަގު
- ނ. މާޅެންދޫ: 2.08 ކިލޯމީޓަރުގެ 6 މަގު
- ށ. ކޮމަންޑޫ: 2.73 ކިލޯމީޓަރުގެ 3 މަގު
- އދ. ހަންޏާމީދޫ: 1.57 ކިލޯމީޓަރުގެ 6 މަގު
- ކ. މާފުށި: 1.76 ކިލޯމީޓަރުގެ 17 މަގު
- ރ. ވާދޫ: 2.21 ކިލޯމީޓަރުގެ 3 މަގު
- ތ. ވަންދޫ: 2.43 ކިލޯމީޓަރުގެ 5 މަގު
މި މަޝްރޫއުގެ ޖުމްލަ އަގަކީ 732.68 މިލިއަން ރުފިޔާއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި މަޝްރޫއު ނިމުމުން އެ ރަށްރަށުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ މަގުތަކެއް ރައްޔިތުންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ، ޗަކަވުމުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެ އުޅޭ އާންމުންނަށް އުފުލަންޖެހޭ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. އަދި މިއީ އެ ރަށްރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ލިބިގެންދާނެ މުހިންމު ކުރިއެރުމެއް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.





