ރާއްޖޭގެ އެގާރަ ރަށެއްގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން މިއަދު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި އިމާރަތްކުރުމާއި، ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހާމިދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ. ޖުމްލަ 912.15 މިލިއަން ރުފިޔާގެ މި މަޝްރޫއަކީ ރަށްރަށުގެ އުމްރާނީ ތަރައްގީއަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫޢުގެ ދަށުން ތާރު އެޅުމަށް ހަމަޖެހިފަވާ ރަށްތަކަކީ:
- ރ. އިންނަމާދޫގެ 2.60 ކިލޯމީޓަރުގެ 7 މަގު
- އއ. ފެރިދޫގެ 2.11 ކިލޯމީޓަރުގެ 3 މަގު
- ށ. ބިލެތްފަހީގެ 2.46 ކިލޯމީޓަރުގެ 4 މަގު
- ރ. ރަސްގެތީމުގެ 2.12 ކިލޯމީޓަރުގެ 6 މަގު
- ބ. ދަރަވަންދޫގެ 2.55 ކިލޯމީޓަރުގެ 4 މަގު
- ނ. މަގޫދޫގެ 2.11 ކިލޯމީޓަރުގެ 4 މަގު
- ފ. ފީއަލީގެ 2.46 ކިލޯމީޓަރުގެ 10 މަގު
- ށ. މާއުނގޫދޫގެ 3.25 ކިލޯމީޓަރުގެ 7 މަގު
ސީޓީބީ (ސިމެންތި ޓްރީޓެޑް ބޭސް) އަކާއެކު ވެލި އެޅުމުގެ މަސައްކަތް ކުރުމަށްހަމަޖެހިފަވާ ރަށްތައް:
- ބ. ކެންދޫގެ 2.23 ކިލޯމީޓަރުގެ 6 މަގު
- އއ. މަތިވެރީގެ 2.35 ކިލޯމީޓަރުގެ 10 މަގު
- ކ. ދިއްފުށީގެ 2.36 ކިލޯމީޓަރުގެ 5 މަގު
މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ޒަމާނީ ފެންވަރަށް ތަރައްގީކުރެވިފައިވާ މަގުތަކެއް ލިބިގެންދާނެއެވެ. މިއާއެކު، ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވެ ޗަކަވުމުގެ ސަބަބުން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ހިނގާބިނގާވެއުޅޭ އާންމުންނަށް އުފުލަންޖެހިފައިވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމުގައި އެމްޓީސީސީއިން ފާހަގަކުރެއްވިއެވެ. އަދި މިއީ އެ ރަށްތަކުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެއްކަމަށް އެ އިދާރާއިން ފާހަގަކުރިއެވެ.
1980 ވަނަ އަހަރު އުފެދުނު އެމްޓީސީސީން ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމާފަވެއެވެ. ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާއެއްގައި އުފެދުނު މި ކުންފުންޏަކީ ގައުމުގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެންމެ އިސް އަދި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ.




