ރާއްޖޭގެ 11 ރަށެއްގެ މަގުތައް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް، 912.15 މިލިއަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއެކު ސޮއިކޮށްފައިވަނީ އޮކްޓޫބަރު 29 ގައެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ. މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އަދި މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުގެ ދަށުން މަގުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ރ. އިންނަމާދޫ، އއ. ފެރިދޫ، ބ. ކެންދޫ، އއ. މަތިވެރި، ޝ. ބިލެތްފަހި، ރ. ރަސްގެތީމު، ބ. ދަރަވަންދޫ، ނ. މަގޫދޫ، ފ. ފީއަލި، ޝ. މާއުނގޫދޫ އަދި ކ. ދިއްފުއްޓެވެ.
މި މަޝްރޫއުތަކުގެ ދަށުން އެ ރަށްރަށުގެ މަގުތަކުގައި ތާރުއަޅައި ފުރިހަމައަށް ތަރައްގީކުރެވޭނެއެވެ. މީގެ ސަބަބުން ރަށްރަށުގެ ދަތުރުފަތުރާއި ގުޅުންތައް ބަދަހިވެ، ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިއީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރަށްރަށަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ މަޝްރޫއުތަކެއްކަމަށް ފާހަގަކުރެވެއެވެ.




