ބޯކޮށް ވާރޭވެހި ގްރޭޓަރ މާލެ ސަރަހައްދުގައި ފެންބޮޑުވުމާ ގުޅިގެން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އޮކްޓޫބަރު 21 އަދި 22 ގައި 367.82 ޓަނުގެ ފެން ހިންދައިފިއެވެ.
އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، އެ ކުންފުނީގެ އިމަރޖެންސީ ސަރވިސަސްއިން ހަތަރު ސަރަހައްދެއްގައި ފެންހިންދުމުގެ މަސައްކަތް ކުރިއަށްދިޔައެވެ. މީގެ ތެރެއިން އެންމެ ގިނައިން ފެން ހިންދާފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ މަސްވެރިންގެ ޕާކް ސަރަހައްދުންނެވެ.
އެގޮތުން، މަސްވެރިންގެ ޕާކް ސަރަހައްދުން 174.99 ޓަނުގެ ފެން ހިންދާފައިވާއިރު، ސޯމިލް ސަރަހައްދުން 89.72 ޓަނުގެ ފެން ވަނީ ހިންދާފައެވެ. މީގެއިތުރުން ބޮޑުތަކުރުފާނު މަގުގައިވާ ހެންވޭރު ފެރީ ޓަރމިނަލް ސަރަހައްދުން 53.03 ޓަނުގެ ފެން އަދި ހުޅުމާލޭގެ "އޯލްޑް ކޭލާ ގެމަތަ" ސަރަހައްދުން 50.08 ޓަނުގެ ފެން ވަނީ ބޭރުކޮށްފައެވެ.
ފެންހިންދުމުގެ މަސައްކަތުގެ އިތުރުން، ފެންވަނުން ހުއްޓުވުމަށްޓަކައި ވެލި ބަސްތާ ތައްޔާރުކުރުމަށް އެހީތެރިވުމުގެ ގޮތުން އެމްޓީސީސީގެ ޑަމްޕް ޓްރަކް ބޭނުންކޮށްގެން ހުޅުމާލެ ފޭސް 2 އިން މާލެއަށް ވެލި އުފުލުމުގެ މަސައްކަތްވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ފެންބޮޑުވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ގޭގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުމަށާއި، ގޭތެރޭގައި ހުންނަ ހިފާގެންގުޅޭ ތަކެއްޗާއި ކަރަންޓު ސާމާނު އުސް ތަންތަނަށް ބަދަލުކުރުމަށް އިލްތިމާސްކޮށްފައެވެ.




