ސަރުކާރު ހިއްސާވާ ކުންފުނިތައް އެއްކޮށްލުމަށް (މާޖްކުރުމަށް) ނިންމާފައިވާ ނިންމުމާ ގުޅިގެން، ފެނަކަ ކޯޕަރޭޝަނާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުން މަގާމުން ވަކިކޮށްފިއެވެ.
ޕީސީބީން މައުލޫމާތު ދޭ ގޮތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މަގާމުންނާއި ޑިރެކްޓަރުންގެ ބޯޑުން މުހައްމަދު އަފީފް ހުސެއިން ވަކިކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ. އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހީމް ނަޒީމް ވަކިކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އާރްޑީސީގެ އެމްޑީގެ މަގާމުން ނަޒީމް ވަކިކުރުމަށްފަހު، އެ ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޑީސީޕީ (ރިޓަޔާޑް) އަހުމަދު ސައުދީ ވަނީ އައްޔަނުކޮށްފައެވެ.
މި ބަދަލުތައް ގެނެސްފައި މިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުމުގެ ގޮތުން، އާރްޑީސީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ އެއްކޮށްލުމަށާއި، ފެނަކަ ކޯޕަރޭޝަން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާ އެއްކޮށްލުމަށް ސަރުކާރުން ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.
ސަރުކާރުން މިފަދަ ފިޔަވަޅުތަކެއް އަޅަމުންދަނީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް އަދި އުފެއްދުންތެރިކަން އިތުރުކުރުމުގެ މަގްސަދުގައެވެ.



