އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް މަރާމާތު ކުރުމަށްޓަކައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުގެ އެންމެ ފަހު ސެގްމަންޓް ކަމަށްވާ، 4 ވަނަ ސެގްމަންޓުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، 4 ވަނަ ސެގްމަންޓުގައި ކުރިން އަޅާފައި އޮތް ހަލާކުވެފައިވާ ތާރުގަނޑު ނެގުމަށްފަހު، އޭބީސީ (އެގްރިގޭޓް ބޭސް ކޯސް) އެޅުމާއި ކޮމްޕެކްޝަންގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މިހާރު ކުރިއަށްދަނީ ތާރުއެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އެމްސީ-30 ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތްތަކެވެ. ކުންފުނީގެ އަމާޒަކީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް މި ސަރަޙައްދުގައި ތާރުއެޅުމުގެ އެންމެހައި މަސައްކަތްތައް އެއްކޮށް ނިންމައިލުމެވެ.
އަމީނީ މަގު ތަރައްގީކުރުމުގެ މަޝްރޫޢު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާއިރު، އެމްޓީސީސީން ވަނީ މީގެ ކުރިން ތިން ސެގްމަންޓެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެގޮތުން ސެގްމަންޓް 1 ގެ ދަށުން ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދާއި، ސެގްމަންޓް 2 ގެ ދަށުން ދިވެހިރާއްޖޭގެ އަޑު ކުރިމަތީގެ ހަތަރުއަނގޮޅި ކަންމަތީގެ އިތުރުން ސެގްމަންޓް 3 ގެ މަސައްކަތްތައް ފުރިހަމަކޮށް، މިހާރު ވަނީ ޢާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
މިހާރު މަސައްކަތް ކުރިއަށްދާ 4 ވަނަ ސެގްމަންޓަކީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮތް މަގުގެ ބައެވެ. މި ސެގްމަންޓުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމައި، ވީއެންމެ އަވަހަކަށް މަގު ހުޅުވާލުމަށް އެމްޓީސީސީން ދަނީ ފުރިހަމަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަމީނީ މަގުގެ އުމްރާނީ އޮނިގަނޑު މިފަދަ ޒަމާނީ ފެންވަރަކަށް ބަދަލުވެގެން ދިއުމަކީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ދަތުރުފަތުރުކުރާ އެންމެހައި ފަރާތްތަކަށް ކުރިމަތިވަމުންދިޔަ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެ ކަމެކެވެ. މީގެއިތުރުން، ރައްޔިތުންނަށް ބޭނުންވާ މިފަދަ އިޖުތިމާޢީ އަދި ޢުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫއުތައް، އޭގެ އެންމެ ފުރިހަމަ ފެންވަރުގައި ތަންފީޒުކޮށްދިނުމުގައި އެމްޓީސީސީން އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ދެއެވެ.







