މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ އިސްވެރިންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމުގެ މަގްސަދުގައި، "ލީޑިންގ ފޯވާޑް: ޕީޕަލް، ޕާފޯމަންސް އެންޑް ޓްރާންސްފޮމޭޝަން" މި ޝިއާރުގެ ދަށުން ހާއްސަ ލީޑަރޝިޕް ކޮންފަރެންސެއް ބާއްވައިފިއެވެ. ކުންފުނީގެ އެކި ދާއިރާތަކުން 140 އަށްވުރެ ގިނަ އިސްވެރިން ބައިވެރިވި މި ކޮންފަރެންސްގައި، މައުލޫމާތު މުއްސަނދި އަދި ބިނާކުރަނިވި މުހިންމު މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި ކޮންފަރެންސްގެ ތެރެއިން، ކުންފުނީގެ ލީޑަރުންނަށް މެދުކެނޑުމެއްނެތި ފަންނީ ކުރިއެރުން ހޯދައިދިނުމުގެ މަގްސަދުގައި ހާއްސަ "ލީޑަރޝިޕް ސެޓްފިކެޓް ޕްރޮގްރާމް" އެއް ވަނީ އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީއެވެ.
ޕްރޮގްރާމް އިފްތިތާހުކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އެމް.ޑީ ސައުދީ ވަނީ، އަބަދުވެސް އުއްމީދީ އަދި ހަރުދަނާ ވިސްނުމަކާއެކު މަސައްކަތްކުރުމަށް ހުރިހާ މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި މި ކޮންފަރެންސްގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، ގައުމީ ފެންވަރުގައި އެމްޓީސީސީއާ މަތިކުރެވިފައިވާ ބޮޑު މަސްއޫލިއްޔަތު އަދާކުރުމުގައި ފުރިހަމަ ޒިންމާދާރުކަމާއެކު ބައިވެރިވުމަށް އެދިވަޑައިގެންނެވިއެވެ.
މި ކޮންފަރެންސްގައި ބައިނަލްއަގްވާމީ ފެންވަރުގެ ފުންނާބުއުސް ތަޖުރިބާކާރުން ކަމަށްވާ އަފީފް ހުސައިން، ކޯއެން ޓޭން، ސިންތިއާ ޒައި އަދި ލަރިއްސާ މަރމަން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބޭފުޅުން ވަނީ ލީޑަރޝިޕާއި، ޒަމާނީ ހިންގުންތެރިކަމާއި، ޓެކްނޮލޮޖީގެ ބަދަލުތަކަށް ހޭނުމުގެ އިތުރުން، އިންސާނީ ގާބިލުކަމާއި އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) އެކުލަވާލައިގެން މަސައްކަތުގެ މާޙައުލު ތަރައްގީކުރާނެ ގޮތްތަކާ ގުޅޭގޮތުން އަގުހުރި މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.
ކީނޯޓް ސްޕީކަރުން ހިއްސާކުރެއްވި އަގުހުރި ތަޖުރިބާތަކާއި މައުލޫމާތުތަކަށްޓަކައި އެމް.ޑީ ސަޢުދީ ވަނީ އެ ބޭފުޅުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ. އަދި ގައުމީ ތަރައްގީގެ މައިގަނޑު އެއް ބައިވެރިޔާގެ ހައިސިއްޔަތުން، އެމްޓީސީސީގެ އަމާޒަކީ ހަމައެކަނި އުމްރާނީ މަޝްރޫއުތައް ހިންގުން ނޫން ކަމަށާއި، ޒަމާނަށް އަންނަ ބަދަލުތަކަށް ލޯހުޅުވިފައިވާ، ކުރިމަގުގެ ގޮންޖެހުންތަކާ ކުރިމަތިލެވޭނެ ފަދަ ގާބިލު ލީޑަރުން ބިނާކޮށް، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަކީ ކުންފުނީގެ އެންމެ މުހިންމު އެއް އަސާސްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.




