މާލޭގެ އަމީނީ މަގު މަރާމާތުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ކުރިއަށްގެންދާ މަޝްރޫއުގެ 3 ވަނަ ސެގްމަންޓުގެ މަސައްކަތްތައް އެއްކޮށް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަހައްދު އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ތަރުތީބުން އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
މި މަޝްރޫއުގެ ތެރެއިން އެމްޓީސީސީން 3 ވަނަ ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަހައްދުގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި، ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައެވެ. އަދި މަގުގެ ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއްވެސް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމުގެ ގޮތުން އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ 3 ވަނަ ސެގްމަންޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މީގެކުރިން އެމްޓީސީސީން ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސެގްމަންޓް 1 އާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމަތި ހިމެނޭ ސެގްމަންޓް 2 މަރާމާތުކޮށް ނިންމައި އާންމުންނަށް ހުޅުވާލިއެވެ.
3 ވަނަ ސެގްމަންޓުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލުމާއެކު، ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް 4 ގެ މަސައްކަތެވެ. 4 ވަނަ ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ މަގުގެ ސަރަހައްދެވެ. މި ސެގްމެންޓުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެހައި ތައްޔާރީތައް ވަމުންދާ ކަމަށް އެމް.ޓީ.ސީ.ސީން ހާމަކުރިއެވެ.
އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ މިގޮތަށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި ދަތުރުފަތުރުކުރާ އާންމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބި، މަގު ބޭނުންކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމް.ޓީ.ސީ.ސީން ފާހަގަކުރިއެވެ.




