މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ފޭސް 3 ގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މި މަޝްރޫއުގެ ސެގްމަންޓް 2 ގެ މަސައްކަތްތައް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން ރަސްފަންނު ސަރަހައްދާ ހަމައަށް މިހާރު ހުރި ޕޭވްމަންޓް ގައުތައް ނެގުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އަދި ސެގްމަންޓް 1 ގައި ކޭބަލް ޓްރެންޗް ޝަޓަރިންގ އަދި ޔުޓިލިޓީ ހޮޅި އެޅުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އަންނަ ހަފުތާގެ ތެރޭގައި ކޭބަލް ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން މަގުތަކުގެ އުމްރާނީ ފެންވަރު ރަނގަޅުކުރެވިގެން ދިއުމުން، ވެރިރަށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި މަސައްކަތަކީ މާލޭގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، މަގުތައް ފުޅާކުރުމާއި، ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް ފެންހިންދާ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން ޔުޓިލިޓީ ހިދުމަތްތައް އަޕްގްރޭޑް ކުރުމަށް މަރުހަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ ބޮޑު މަޝްރޫއުގެ ބައެކެވެ. ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ ކުރީގެ ފޭސްތަކުގައި ލޯކަލް މާރުކޭޓާއި އުތުރު ބަނދަރު ހިމެނޭ ސަރަޙައްދު ތަރައްގީކޮށްފައިވަނީ އެ ސަރަޙައްދުތަކުގައި ޓްރެފިކް ތޮއްޖެހުމާއި ފެންބޮޑުވުމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަގްސަދުގައެވެ.
އެމްޓީސީސީން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، ގޮނޑުދޮށާ ވީ ފަރާތުގައި ބޮޑެތި މެޝިނަރީތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ނެގިފައިވާ ގާތަކާއި ކޮނެފައިވާ ސަރަހައްދުތަކުގެ އިތުރުން ޔުޓިލިޓީ ހޮޅިތައް ވަނީ ބަހައްޓާފައެވެ. އަދި މަސައްކަތް ކުރިއަށްދަނީ އަތިރިމައްޗާ ވީ ފަރާތުން މަގަށް ޖާގަ ލިބޭނޭހެން ބައިތަކަކަށް ބަހާލައިގެންނެވެ.



