އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 3ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމްޓީސީސީއިން ވިދާޅުވި ގޮތުގައި، ސެގްމަންޓް 3 މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އެމް.ސީ-30 ޕްރައިމް ކޯޓު އެޅުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. މިއީ ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ ކެމިކަލް ކޯޓިންއެކެވެ.
އަމީނީ މަގު ސެގްމަންޓް 3ގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެމަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން 3 ވަނަ ސެގްމަންޓުގައި ހިމެނެނީ، އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަހައްދެވެ.
އެމްޓީސީސީން ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، ސެގްމަންޓު 3ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަހައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީ އެޅުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި އެމް.ސީ-30 ޕްރައިމް ކޯޓު އެޅުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށްވެސް އެމްޓީސީސީއިން ހާމަކުރިއެވެ.
ކުރިއަށް އޮތް ތަނުގައި ކުރުމަށް ނިންމާފައިވާ މަސައްކަތްތަކާ ގުޅޭގޮތުންމައުލޫމާތު ހިއްސާކުރަމުން، ސެގްމަންޓް 3ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ތާވަލު ކޮށްފައިވާކަމަށް އެމްޓީސީސީއިން ހާމަކުރިއެވެ. އަދި ތާރު އަޅާ ނިމުމުން މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން މީގެ ކުރިން ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ ދެ ސެގްމަންޓެއްގެ މަރާމާތުގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސެގްމަންޓް 1 އާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމަތި ހިމެނޭ ސެގްމަންޓް 2 އެވެ. މި ދެ ސެގްމަންޓުގެ މަސައްކަތް ނިންމައި މިހާރު އާންމުންނަށް ހުޅުވާލައިފިއެވެ.
ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، ސުނާމީ ބިނާއިން ސޯޝަލް ސެންޓަރާ ހަމައަށް އާންމު ދަތުރުފަތުރަށް ބަންދު ކުރެވޭނެކަމަށް ފުލުހުން ހާމަކުރިއެވެ. އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް އެ ވަގުތުގެ ކުރިން ނެގުމަށް ފުލުހުން އިލްތިމާސްކުރިއެވެ.
ސެގްމަންޓު 3ގެ މަސައްކަތް ނިމުމުން ސެގްމަންޓް 4ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ހަމައަށް ހިމެނޭ ސަރަހައްދުގެ މަރާމާތުގެ މަސައްކަތްތަކެވެ.




