މާލެ ސަރަހައްދުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޕާކިން ބިލްޑިންތަކުގެ މަސައްކަތްތައް އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މާލެ ސަރަހައްދުގެ ދަތުރުފަތުރާއި ޕާކިންގެ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މާލެ ސަރަހައްދުގެ ތޮއްޖެހުމާއި ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލެއާއި ވިލިމާލެ ހިމެނޭހެން ޖުމްލަ 7 ޕާކިން ބިލްޑިން ތަރައްގީކުރުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މި އިމާރާތްތައް ނިމި ބޭނުންކުރަން ފެށުމުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 2,600 އަށްވުރެ ގިނަ ޖާގަ އަދި ދެ ފުރޮޅުލީ އުޅަނދުތަކަށް 1,000 ޖާގަ ލިބިގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
ޕާކިން ބިލްޑިންތަކުގެ އަމަލީ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، ހީނާމާގެ ބިމުގައި އަޅާ ޕާކިން ބިލްޑިންގެ ކޮންޓްރެކްޓަރާއެކު ފައިނަލް މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ސޯސަންމަގުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ޖެހިގެން އޮތް ބިމުގައި އަޅާ ދެވަނަ ޕާކިން ބިލްޑިންގެ ފައިނަލް މަރުހަލާތައްވެސް ނިމި، މާގިނަ ދުވަހެއް ނުވެ ކޮންޓްރެކްޓަރާ ހަވާލުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ މި ދެ އިމާރާތުގެ މަސައްކަތްވެސް އަންނަ އަހަރުގެ ނޮވެންބަރު މަހަށް ނިންމައި އާންމު ހިދުމަތަށް ހުޅުވާލުމެވެ.
މީގެއިތުރުން މާލޭގެ ހަނި މަގުތަކުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް، އުޅަނދުތައް ފަސޭހައިން ޕާކު ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ އަމަލީ މަސައްކަތްތައް ވެސް ވަނީ ފެށިފައެވެ. އެގޮތުން މިހާރު މާލޭގެ 4 މަގަކަށް ބަދަލުތައް ގެނައުމަށްޓަކައި ދިރާސާތައްކޮށް، އާންމުންގެ ހިޔާލާއެކު މަގުތައް ކުރެހުމުގެ މަސައްކަތްތައް ކުރިއަށްދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ދަތުރުފަތުރާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ގްރޭޓަރ މާލެ މޮބިލިޓީ އޮފީހުގެ މަސައްކަތްތަކަށް ލަފާދިނުމަށްޓަކައި "ރޯޑް ސޭފްޓީ ކައުންސިލް" ގެ ނަމުގައި ހާއްސަ ކޮމިޓީއެއް ވަނީ އުފައްދާފައެވެ. މި ކޮމިޓީގައި ހިމެނެނީ ޓްރާންސްޕޯޓު މިނިސްޓްރީ، ހޯމްލޭންޑް މިނިސްޓްރީ، އެޓާނީ ޖެނެރަލް އޮފީސް، ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއެވެ. ސަރުކާރުން މިހާރު މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވާއިރު، ވިދިގެން އައި ދުވަހުވެސް އިތުރު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ކައުންސިލްގެ މަސައްކަތްތަކާއެކު މަގުމަތީގެ ރައްކާތެރިކަމާއި ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި އެދެވޭ ބަދަލުތަކެއް އަންނަމުންދާނެއެވެ.
މާލޭގެ ޓްރެފިކް ތޮއްޖެހުމަށް އިތުރު ހައްލެއް ހޯދުމުގެ ގޮތުން ހެވީ ވެހިކަލް ނުވަތަ ބޮޑެތި އުޅަނދުފަހަރު ދުއްވުމުގެ ގަވާއިދުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްވެސް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އެ އުސޫލު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވޭނެ ކަމަށްވެސް ހާމަކުރެއްވިއެވެ.
ސަރުކާރުން އިސްކަންދެނީ މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާބިނގާވެއުޅޭ ފަރާތްތަކަށާއި ދުއްވާ އުޅަނދުފަހަރަށް ރައްކާތެރި، އަދި ޕާކުކުރުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިފައިވާ ތަނަކަށް ހެދުމަށެވެ. އެގޮތުން ފަށާފައިވާ މި މަޝްރޫއުތަކަކީ ވެރިރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވާނެ މަސައްކަތްތަކެއް ކަމަށް ބެލެވެއެވެ.





