އަގުހެޔޮކޮށް ސައިކަލު ހޯދައިދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި، ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ދ. ބަނޑިދޫ، ޕޯލާރގްރޭސް، އަހުމަދު އާތިފް ހަސަންގެ މައްޗަށް ޓެކުމުގެ 139 ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ 2023 ވަނަ އަހަރުން ފެށިގެން، ކިންގްސްޓަން ކުންފުނި މެދުވެރިކޮށް އަގުހެޔޮކޮށް ސައިކަލު ވިއްކާކަމަށް ދައްކައިގެން، އޮޅުވާލުމުގެ ތެރެއިން އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު، ސައިކަލު ފޯރުކޮށްދިނުމުގެ އެއްވެސް މަސައްކަތެއް ނުކޮށް އަދި އެ ފައިސާ އަނބުރާ ރައްދުނުކޮށް އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން އާތިފްގެ މައްޗަށް އުފުލާފައިވަނީ ޓެކުމުގެ ކުށުގެ 139 ދައުވާއެވެ. މި ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ، މަދުވެގެން 133 އަހަރާއި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި ދައުވާތައް ކޯޓަށް ހުށަހަޅާފައިވަނީ ސައިކަލު ގަތުމަށް ފައިސާ ދެއްކި ކޮންމެ މީހެއްގެ ބައި ވަކިން ކަމަށްވާތީ، ކުށް ސާބިތުވާ ހާލަތުގައި އަދަބު ކަނޑައަޅާނީ ކޮންމެ ދައުވާއަކަށް ވަކިންނެވެ.
މީގެއިތުރުން، ފައިސާ ދައްކައިގެން ގެއްލުން ލިބުނު މީހުންނަށް ބަދަލުގެ ގޮތުގައި ޖުމްލަ 6،250،420.12 އާތިފްގެ އަތުން ނަގައިދިނުމަށް ވެސް ވަނީ އެދިފައެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު އިތުރު 11 މީހެއްގެ ބައި އިތުރަށް ތަހުގީގުކުރުމަށް ފުލުހުންގެ ހިދުމަތަށް ލަފާދީފައިވާއިރު، އެ ބައިތަކުގެ ތަހުގީގު ނިމުމުން އެ މައްސަލަތަކުގައި ވެސް ދައުވާކުރުމާމެދު ގޮތެއް ނިންމާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.





