ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތްދޭ ޕްލެޓްފޯމްތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން، މަކަރާއި ހީލަތުން ހޯދާ ފައިސާ ޓްރާންސްފަރ ކުރުމަށާއި އޭޓީއެމް މެދުވެރިކޮށް އެ ފައިސާ ނެގުމުގެ އަމަލުތަކެއް ހިންގަމުންދާތީ، އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު އިލްތިމާސްކޮށްފި އެވެ.
ފުލުހުން ވަނީ ޑްރައިވަރުންނާއި، ޑެލިވަރީ މަސައްކަތްތެރިންގެ އިތުރުން އާންމު ރައްޔިތުންވެސް މިފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި ސްކޭމަރުން އެންމެ ފުރަތަމަ އެޕްލިކޭޝަނެއް މެދުވެރިކޮށް ސައްހަ ދަތުރެއް ނުވަތަ ޑެލިވަރީ އޯޑަރެއްގެ ރިކުއެސްޓެއް ފޮނުވަ އެވެ. އެއަށްފަހު، އެޕްގެ ރަސްމީ ޗެނަލްތަކުން ބޭރުން ސީދާ ޑްރައިވަރަށް ގުޅައިގެން މުއާމަލާތް ކުރަން ފަށަ އެވެ. މިގޮތުން ޑްރައިވަރުގެ އަމިއްލަ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު، އެ ފައިސާ އޭޓީއެމްއިން ނަގުދުކޮށްގެން ވަކި މީހަކާ ހަވާލުކޮށްދިނުމަށް އެދެ އެވެ. އަދި މިކަން ކޮށްދީފިނަމަ އިތުރު ޓިޕްސް ނުވަތަ އިނާޔަތްތައް ދޭނެ ކަމަށް ބުނެ ސްކޭމަރުން ހުށަހަޅާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެ އެވެ.
މިގޮތަށް އެކައުންޓްތަކަށް ޖަމާކުރާ ފައިސާއަކީ އެހެން ބަޔަކަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ހޯދާފައިވާ ފައިސާއަށްވާތީ، އެ ފައިސާ ނަގައި ހަވާލުކޮށްދިނުމުން ޑްރައިވަރުންނަށް ނޭނގި ނަމަވެސް ކުށްވެރިންނަށް އެ ވަގު ފައިސާ ދައުރުކުރުމަށް އެހީތެރިވެދެވޭ ކަމަށް ފުލުހުން ބުންޏެވެ. ކުށްވެރިން ގާނޫނާ ހިލާފަށް ހޯދާ ފައިސާ އެކައުންޓަށް ޖަމާކޮށް ދައުރުކުރުމަށް އެހެން މީހުން ބޭނުންކުރުމުގެ މި އަމަލަށް ކިޔަނީ "މަނީ މިއުލިންގ" އެވެ. މިފަދަ ކަމެއްގައި ބައިވެރިވެވިއްޖެނަމަ، ތިމާއަށް ނޭނގި ނަމަވެސް ބޮޑު މާލީ ކުށެއްގެ ތުހުމަތު އުފުލެވިދާނެ ކަމަށްވެސް ފުލުހުން ފާހަގަކުރި އެވެ.
ފުލުހުން އިތުރަށް ބުނީ، އެކައުންޓަށް ޖަމާވި ފައިސާއަކީ ކުށެއް ކޮށްގެން ހޯދި ފައިސާއެއްކަން ނޭނގުނު ކަމުގައި ވިޔަސް، އަމިއްލަ ބޭންކް އެކައުންޓްތައް ފްރީޒްވުމާއި، ހަލާލު އާމްދަނީއަށް ބުރޫއެރުމާއި، އަދި ޖިނާއީ ތަހުގީގުތަކަށް ހާޒިރުވާންޖެހުމުގެ ނުރައްކާ އޮންނާނެ ކަމަށެވެ. އަދި ސްކޭމަރުން ފައިސާ ހިފައިގެން ފިލުމުން، މަކަރާއި ހީލަތުގެ މި މުއާމަލާތްތަކާ ގުޅިގެން ބޭންކުތަކަށާއި ތަންފީޒީ އިދާރާތަކަށް ޖަވާބުދާރީވާން ޖެހެނީ އެކައުންޓުގެ ވެރިފަރާތަށް ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.
މިފަދަ ނުރައްކާތެރި ކަންކަމުން ރައްކާތެރިވުމަށްޓަކައި ނުދަންނަ މީހުންގެ ފަރާތުން ފައިސާ ޓްރާންސްފަރ ކުރުމަށް އަމިއްލަ އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށާއި، ހަމައެކަނި ދަތުރުގެ ނުވަތަ ޑެލިވަރީގެ ސައްހަ އަގު އެކަނި ގަބޫލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ. މީގެއިތުރުން، ޕާސްވޯޑާއި، ޕިން އަދި އޯޓީޕީ އެއްވެސް މީހަކާ ހިއްސާނުކުރުމަށާއި، ފައިސާގެ މުއާމަލާތްތައް ހިދުމަތްދޭ ޕްލެޓްފޯމްގެ ރަސްމީ ޗެނަލްތަކުގެ ތެރޭގައި ބެހެއްޓުމަށްވެސް ވަނީ އިރުޝާދުދީފަ އެވެ.
އެކައުންޓަށް ޝައްކުކުރެވޭ ފަދަ ޓްރާންސްފަރއެއް ލިބިއްޖެނަމަ، އެ ފައިސާ ނެގުމާއި، ހަރަދުކުރުމާއި ނުވަތަ އެހެން އެކައުންޓަކަށް ފޮނުވުންފަދަ އެއްވެސް ކަމެއް ނުކުރުމަށް ފުލުހުން އެދެ އެވެ. އަދި ވަގުތުން ބޭންކަށާއި ފުލުހުންނަށް އެކަން އަންގައި، މެސެޖުތަކާއި، ކޯލް ރެކޯޑްތަކާއި، ބުކިންގ ތަފްސީލު އަދި ޓްރާންސްފަރ ސްލިޕްތައް ފަދަ ހުރިހާ ހެކިތަކެއް ރައްކާތެރިކުރުމަށް ފުލުހުން ވަނީ ހަނދާންކޮށްދީފަ އެވެ.
ރައިޑް-ހެއިލިންގ އަދި ޑެލިވަރީ ހިދުމަތަކީ އެތައް ބައެއްގެ އާމްދަނީ ހޯދުމަށް އޮތް މުހިންމު ވަސީލަތަކަށްވާއިރު، ކުށްވެރިންގެ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް އަމިއްލަ މާލީ ހާލަތުގެ ނާޖާއިޒު ފައިދާ ނެގިޔަ ނުދިނުމަށް ފުލުހުން އިލްތިމާސްކުރެ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓަކީ ފަރުދީ ޒިންމާއެއްކަމުން، އެންމެހައި ފަރާތްތަކުންވެސް ފާރަވެރިވެ ތިބެ، ޝައްކުކުރެވޭ މިފަދަ ކަންކަން ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކުރުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.







