މަކަރާއި ހީލަތުން އަތުލާ ފައިސާގެ ތެރެއިން އަނބުރާ އަތުލައިގަނެވޭ ނިސްބަތް މިއަހަރުގެ ތެރޭގައި 44 އިންސައްތައަށް މަތިވެފައިވާކަން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވެއްޖެއެވެ. މިއީ ކުރީ އަހަރުތަކާ އަޅާބަލާއިރު ސްކޭމްތައް ހުއްޓުވުމަށާއި ގެއްލޭ ފައިސާ އަތުލައިގަތުމަށް ކުރެވުނު މަސައްކަތުން ހޯދިފައިވާ ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި އޭނާ ފާހަގަކުރިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނަވީދު ވިދާޅުވީ، މަކަރާއި ހީލަތުގެ މައްސަލަތައް މަދުކޮށް އެކަމަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ ގޮތުން ފުލުހުންގެ ތެރޭގައި "އެންޓި ސްކޭމް ސެންޓަރު" ގެ ނަމުގައި ހާއްސަ އިދާރާއެއް ގާއިމުކުރެވުނުކަމުގައިއެވެ. މިއީ މިފަދަ މައްސަލަތަކުގެ ތަހުގީގުތައް ހުއްޓުމެއްނެތި ކުރިއަށްގެންގޮސް، ފިޔަވަޅުތައް އަވަސްކުރުމަށް އުފައްދާފައިވާ ތަނެކެވެ.
މިއަހަރުގެ މިހާތަނަށް 1،700 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާއިރު، އެ މައްސަލަތަކުގައި ޖުމްލަ 16 މިލިއަން ރުފިޔާގެ ގެއްލުން ލިބިފަވެއެވެ. ނަމަވެސް ފުލުހުންގެ މަސައްކަތުން މީގެ ތެރެއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދައިދީފަވާކަމުގައި ނަވީދު ވިދާޅުވިއެވެ. މިއީ ނިމުނު އަހަރުގެ މި މުއްދަތުގައި އަނބުރާ ހޯދުނު 38 އިންސައްތައާ އަޅާބަލާއިރު 44 އިންސައްތައިގެ ކުރިއެރުމެކެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2021 އިން 2024 އަށް ސްކޭމްގެ 6،000 މައްސަލަ ރިޕޯޓުކޮށް، 110 މިލިއަން ރުފިޔާ ފޭރިގެންފައިވާ ކަމަށް ނަވީދު ފާހަގަކުރެއްވިއެވެ. އޭރު އެދެވޭ ފިޔަވަޅުތަކެއް އެޅިފައި ނުވިނަމަވެސް، މިދިޔަ އަހަރުން ފެށިގެން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ މިހާރު ފެންނަން ފަށައިފިއެވެ.
"ރިކަވަރީވެސް މިއަހަރު ވަރަށް މަތި، ސަބަބެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ކުށުގެ ވައްޓަފާޅިތަކަށް މިއައި ބަދަލު. މިއަހަރު އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު ސިމް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކެއް މިއަހަރަކު އެހާ ގިނައިންނެއް ނުހިންގާ. ސަބަބަކީ ބޭންކުތަކުގެ ތެރޭގައިވެސް ސެކުއިރިޓީތައް މަތިވުން އަދި ފާސްޓް އިންޓަވެންޝަންވެސް،"
ސްކޭމްތައް ހިންގާ ގޮތަށް އައިސްފައިވާ ބަދަލުތަކާ ގުޅޭގޮތުން އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވިއެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި އަހަރުވެސް އެންމެ ގިނައިން ހުށަހެޅެނީ އޮންލައިން ވިޔަފާރިތަކާ ގުޅޭ މައްސަލަތަކެވެ. ދިވެހިރާއްޖޭގައި ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ އޮޅުވާލުންތަކާއި، ލޯބީގެ މަކަރުވެރި ގުޅުންތައް އުފައްދައިގެން ފައިސާ އަތުލުމުގެ މައްސަލަތައް އަދިވެސް އަންނަނީ އިތުރުވަމުންނެވެ.
މިފަދަ ޖަރީމާތައް އާންމުކޮށް ހިންގަނީ ފޯނުކޯލުތަކާއި ސަނަދު ނެތް ލިންކުތައް މެދުވެރިކޮށެވެ. އޮޅުމަކުންވެސް އެފަދަ ލިންކަކަށް ފިތާލެވިއްޖެނަމަ ފޯނުގައިވާ މައުލޫމާތުތައް ކުށްވެރިންގެ އަތްމައްޗަށް ދެއެވެ. އަދި އެކަން އެނގެނީ އެކައުންޓުން ފައިސާ ކެނޑުމުން ކަމަށްވާތީ، ދަންނަ ފަރާތްތަކުން ނުވަތަ ކުންފުނިތަކުގެ ނަމުގައި ފޮނުވާ ޝައްކުކުރެވޭ ލިންކުތަކަށް ނުވަނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީއަށް އަހުލުވެރިކަން ކުޑަ އުމުރުން ދުވަސްވީ މީހުންނަކީ ކުށްވެރިންގެ މައިގަނޑު އަމާޒެވެ. އެފަދަ ފަރާތްތަކުގެ މަގުއޮޅުވާލައިގެން ފައިސާ އަތުލުން ފަސޭހަވާނެތީ ކުރާ މިކަންކަމުން އެމީހުން ރައްކާތެރިކުރުމަކީ އާއިލާތަކުގެ ބޮޑު ޒިންމާއެކެވެ. ގޭގޭގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށް މިފަދަ ނުރައްކާތަކާ ގުޅޭ މައުލޫމާތުދީ ހޭލުންތެރިކުރުވުމަކީ އެފަރާތްތައް ސަލާމަތްކުރުމަށް ކުރެވޭނެ އެންމެ މުހިންމު ކަންތަކެވެ.





