ނިމިދިޔަ ހަފްތާގައި ހިންގި ސްކޭމްތަކުގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން 2 ލައްކައަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދިއްޖެއެވެ. ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކުރެއްވި ގޮތުގައި، މި އަދަދަކީ ޖުމްލަ 262,868.89 ރުފިޔާއެވެ. ނިމިދިޔަ ހަފްތާގައި ސްކޭމްތަކުގެ ސަބަބުން ޖުމްލަ 597,327.85 ރުފިޔާ ގެއްލިފައިވެއެވެ.
ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ 36 މައްސަލައެއް ރިޕޯޓުކުރެވިފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާރސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ؛ އެއީ 16 މައްސަލައެވެ. ދެވަނައަށް އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ސްކޭމްތަކެވެ؛ އެއީ 6 މައްސަލައެވެ. މީގެ އިތުރުން، ބުކިންގ ކެންސަލްކުރުމާއި ރީފަންޑް ލިބުންނަށް ބުނެ ހިންގާ ސްކޭމްގެ 4 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 3 މައްސަލައާއި، އިންޕަރސޮނޭޝަން ނުވަތަ އެހެން މީހެއްގެ ސިފައިގައި ހިންގާ ސްކޭމްގެ 3 މައްސަލަ، އަދި އެހެނިހެން 4 މައްސަލަ ރިޕޯޓުކުރެވިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކައެވެ.
ސްކޭމްކުރުމަށް އާއްމުކޮށް ބޭނުންކުރާ މަންސަތައްވެސް އެ ސެންޓަރުން ހާމަކުރެއްވިއެވެ. އެގޮތުން، އާއްމުން ސަމާލުވުމަށް އިރުޝާދުދެއްވާފައިވާ މަންސަތަކުގެ ތެރޭގައި އޮންލައިން މެސެޖިންގ އެޕްލިކޭޝަންތަކާއި، އައިބޭ، ފޭސްބުކް މާކެޓްޕްލޭސް، ފިޝިންގ ލިންކްތައް، ފޯނު ކޯލްތަކުގެ އިތުރުން ޓިކްޓޮކް ހިމެނެއެވެ.
މިފަދަ ސްކޭމް މައްސަލަތައް މަދުކުރުމަށް ފުލުހުން އެކިފަދަ އޮޕަރޭޝަންތައް ހިންގަވަމުންދާއިރު، އާއްމު ރައްޔިތުންވެސް ބައެއް ކަންކަމަށް ސަމާލުކަން ދެއްވުމަށް އިރުޝާދު ދެއްވައެވެ. އެގޮތުން، ކާކުކަން ކަށަވަރުނުވާ ފަރާތްތަކުން ނުވަތަ އޮންލައިންކޮށް ދިމާވާ ފަރާތްތަކުން ހިއްސާކުރާ އެޕްލިކޭޝަންތަކާއި ރިމޯޓް ސޮފްޓްވެއަރތައް ޑައުންލޯޑް ނުވަތަ އިންސްޓޯލް ނުކުރުމަށް އިލްތިމާސްކުރެއެވެ. އަދި، ސްކޭމްކުރުމަށް ބޭނުންކުރާ އާއްމު އުކުޅުތަކަށް ހޭލުންތެރިވެ، އެކަންކަމަށް ސަމާލުވުމަށްވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ. ސްކޭމްއަކަށް ޝައްކުކުރެވޭ ނުވަތަ ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ، ވިހާވެސް އަވަހަށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށްވެސް އިލްތިމާސްކުރެއެވެ.




