މި ނޮވެމްބަރު 8 އިން 14 ގެ ނިޔަލަށް ސްކޭމާ ގުޅުންހުރި 38 މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ރިޕޯޓުކޮށްފައިވާއިރު، އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ބޮޑު ބައެއް ފުލުހުން އަނބުރާ ހޯދައިދީފައެވެ. އެގޮތުން ގެއްލުނު 630,573.34 ރުފިޔާގެ ތެރެއިން 402,658.34 ރުފިޔާ (63.9 އިންސައްތަ) ފުލުހުން އަނބުރާ ހޯދައިފިއެވެ.
ފާއިތުވި ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން އީ-ކޮމާސްގެ 13 މައްސަލަ (34.2 އިންސައްތަ) އަދި ހުއްދަނެތި ހިންގާފައިވާ މުޢާމަލާތްތަކުގެ 9 މައްސަލަ (23.7 އިންސައްތަ) ރިޕޯޓުކޮށްފަވެއެވެ. މީގެއިތުރުން ބުކިންގ ކެންސަލްކޮށް ރީފަންޑް ހޯދުމުގެ 6 މައްސަލައާއި، ކަރަންސީ އެކްސްޗޭންޖްގެ 5 މައްސަލައާއި، އިމްޕަރސަނޭޝަންގެ 4 މައްސަލައިގެ އިތުރުން އިންވެސްޓްމަންޓް ސްކޭމްގެ 1 މައްސަލަ ހިމެނެއެވެ.
މި މައްސަލަތަކުގެ ތެރެއިން ސްކޭމަރުން ކޮޓަރި ބުކް ކުރުމަށްފަހު ކުއްލި ސަބަބެއް ދިމާވެއްޖެ ކަމަށް ބުނެ ބުކިންގ ކެންސަލްކޮށް، ފައިސާ އަނބުރާ ދިނުމަށް (ރީފަންޑަށް) އެދޭ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މިފަދަ ކަންކަމުގައި ސްކޭމަރުން އާންމުކޮށް ފޮނުވަނީ ސައްހަނޫން ފޭކް ޕޭމަންޓް ސްލިޕްތަކެކެވެ. ވިޔަފާރިވެރިންނަށް އެކައުންޓަށް ފައިސާ ޖަމާވިތޯ ޗެކްނުކޮށް ރީފަންޑް ދެވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން ފުލުހުން ފާހަގަކުރެއެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އެއްވެސް ފަރާތަކަށް ރީފަންޑް ދިނުމުގެ ކުރިން ބޭންކް އެކައުންޓް ނުވަތަ ބޭންކް ސްޓޭޓްމަންޓް ޗެކްކޮށް، ފައިސާ ލިބިފައިވާކަން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ޕޭމަންޓް ސްލިޕެއް ފެނުމަކީ ފައިސާ ލިބުނު ކަމުގެ ހެއްކެއް ނޫން ކަމަށާއި، އެކައުންޓަށް ފައިސާ ޖަމާވެފައި ނުވާނަމަ އެއްވެސް ހާލެއްގައި ރީފަންޑް ނުދިނުމަށްވެސް ފުލުހުންގެ ހިދުމަތުން އިލްތިމާސްކުރެއެވެ.
ފުލުހުން ދަނީ މިފަދަ މައްސަލަތައް ތަހުގީގުކޮށް، ރައްޔިތުންގެ ފައިސާ ރައްކާތެރިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އާންމުން ހޭލުންތެރިކުރުވުމަށް ހާއްސަ އިރުޝާދުތަކާއި މައުލޫމާތުތައް ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ފުލުހުން ދަނީ އިތުރަށް ފުޅާކުރަމުންނެވެ.






