މާލެ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތުގެ ތެރެއިން، ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފުތާގައި ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެމްޓީސީސީން ވިދާޅުވީ މާލޭ އުތުރު ބަނދަރުގައި ފިންގަރ ޖެޓީ ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 15 މީޓަރުގެ ޖެޓީތަކުގެ ތަނބުތައް ޖެހުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އަންނަ ހަފުތާގައި އެ މަސައްކަތް ނިންމާލެވޭނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ތެރެއިން މިހާރު ކުރެވިފައިވާ އަދި ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ތަނބުތަކުގެ ރެއިންފޯސްމަންޓް ނުވަތަ ދަގަނޑު އެޅުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ކުރިއަށް ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން، ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް އަންނަ ހަފުތާގެ ތެރޭގައި ފެށޭނެ ކަމަށް އެމްޓީސީސީން ލަފާކުރެއެވެ. ޖުމްލަ 18.98 މިލިޔަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 25 މީޓަރުގެ ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއެއް ހެދުމަށް ހަމަޖެހިފަވެއެވެ.
އެމްޓީސީސީއިން ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތް ނިމުމުން ޖެޓީތައް ބޭނުންކުރާ އާންމު ރައްޔިތުންނާއި ދަތުރުވެރިންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިގޮތުން ބަނދަރުގައި ތޮއްޖެހުން ކުޑަވެގެންދާނެކަމަށް އެމްޓީސީސީން ފާހަގަކުރައްވައެވެ. ހަމައެހެންމެ ބޭރުގައި އޮންނަ ލޯންޗަކަށް އަރާ، މަގަތުގައި ހުންނަ ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އުފުލާން ޖެހޭ ތަކުލީފާއި އުނދަގޫތައްވެސް މުޅިން ނިމުމަކަށް އަންނާނެކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި ޖެޓީގެ ސަބަބުން ކުޑަކުދިންނާއި އިސްރަށްވެހިންނާއި ލަގެޖު ހިފައިގެން ދަތުރު ކުރާ ފަރާތްތަކަށްވެސް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީއިން ހާމަކުރިއެވެ. މިއީ މާލޭގެ އުތުރު ބަނދަރު ބޭނުންކުރާ ގިނަ ފަރާތްތަކަކަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއެކެވެ.
ޖެޓީތައް ހެދުމުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އިތުރު ޖާގަ ލިބި، ގިނަ އުޅަނދުތަކަކަށް އެއްފަހަރާއި ޖެޓީއާއި ކައިރި ކުރުމުގެ ފުރުސަތު ލިބޭނެއެވެ. ނަތީޖާއެއްގެ ގޮތުން ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އަރައި ފައިބާ ދަތުރުވެރިންނަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވުދާޅުވިއެވެ.




