މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ގާތްގަނޑަކަށް 18.98 މިލިއަން ރުފިޔާގެ ހަރަދަކަށް ހިންގާ މި މަޝްރޫއުގެ ދަށުން، 25 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ 3 ޖެޓީގެ އިތުރުން 15 މީޓަރު ދިގު އަދި 6 މީޓަރު ފުޅާ 3 ޖެޓީ ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ނިމުމާއެކު ބަނދަރު ސަރަހައްދުގައި އޮންނަ ތޮއްޖެހުން ބޮޑުތަނުން ކުޑަވެގެންދާނެއެވެ. އަދި އެއް ލޯންޗުން އަނެއް ލޯންޗަށް ހުރަސްކޮށް އުޅަނދުފަހަރަށް އަރަންޖެހޭ އުނދަގޫތައް ނިމުމަކަށް އައިސް، ހާއްސަކޮށް ކުޑަކުދިންނަށާއި، އިސްރަށްވެހިންނަށާއި، ލަގެޖާއެކު ދަތުރުކުރާ ފަރާތްތަކަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެއެވެ. އަދި އެއްފަހަރާ ގިނަ އުޅަނދުތަކަކަށް ޖެޓީއާ ކައިރިކުރުމުގެ ފުރުސަތު ފަހިވެ، ދަތުރުވެރިންގެ ދަތުރުތައް އަވަސްވެ، އުޅަނދުފަހަރަށް އެރުމާއި ފޭބުމުގައި އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.
ވޭތުވެދިޔަ 45 އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި އެމްޓީސީސީން ވަނީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ އެތައް މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ހިންގައި ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެ، ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު މަރުހަލާތަކުގައި ބައިވެރިވެ، ގައުމުގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ދަނީ ނަމޫނާ ހިދުމަތެއް ދެމުންނެވެ.




